ދަރިވަރަކާ ބެހުނުކަމަށް އިޢުތިރާފުވި ޓީޗަރަށް އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ދަރިވަރަކާ ބެހުނުކަމަށް އިޢުތިރާފުވި ޓީޗަރަށް އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ދަރިވަރަކާ ބެހުނުކަމުގެ ތުހުމަތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަޔަކު ނިކުމެ ޓީޗަރަކަށް އަނިޔާކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެރޭގައެވެ. ފުލުހުން މިއަދު ބުނީ އޭނާއަށް އަނިޔާކުރި މައްސަލައިގައި އިއްޔެ ހައްޔަރުކުރީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަޙްޤީޤުކުރަމުން އަންނަ ކަމަށެވެ.
ޢުމުރުން 12 އަހަރުގެ ފިރިހެން ދަރިވަރަކާ ބެހުނުކަމުގެ ތުހުމަތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަޔަކު ނިކުމެ ޓީޗަރަކަށް އަނިޔާކުރި ވީޑިއޯ ސޯޝަލްމީޑިއާގައި ޢާންމުވިއެވެ. ވީޑިއޯއިން އިވޭ ގޮތުގައި ކުއްޖާގެ ގެއަށް އޭނާ ދިޔައީ ޓިއުޝަން ދިނުމުގެ ނަމުގައި އެކަމަށް އަމިއްލައަށް އެދިގެންނެވެ. އެ ރޭ އޭނާ ވަނީ ކުއްޖާއާ ބެހުނުކަމަށް ވެސް އިޢުތިރާފުވެފައެވެ.
އޭނާ ހައްޔަރުކުރުމަށްފަހު ބަންދަށް ފުރަތަމަ ދިނީ ފަސް ދުވަހެވެ. ދަރިވަރަކަށް ބަދުއަޚްލާޤީ ވީޑިއޯ ދެއްކި މައްސަލައިގައި އެ ޓީޗަރު ވަނީ ސަސްޕެންޑްކޮށްފައެވެ. މަޢުލޫމާތު ލިބޭ ގޮތުން އޭނާ ވަޒީފާ އަދާކުރަނީ ހުޅުމާލޭގެ ސުކޫލެއްގައެވެ.