މީރާ އޮފީހުން 25 ރ. ނެގި މީހާ ހައްޔަރުކޮށްފި

މީރާ އޮފީސް ފަޅާލައި އެ ތަނުން 25 ރުފިޔާ ވަގަށް ނެގި މީހާ ހައްޔަރުކޮށްފިއެވެ.
އަމީނީ މަގުގައި ހުންނަ ފިނޭންސް މިނިސްޓްރީ ހިންގާ ޢިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި ހުންނަ މީރާގެ އޮފީސް ފަޅާލައި އެ ތަނުން ވައްކަންކުރީ މިދިޔަ މަހުގެ 09 ވަނަ ދުވަހުގެރޭ މެންދަމުގައެވެ.
ޢިމާރާތުގެ ފުރަގަހުގެ ކުޑަދޮރެއް ތަޅާލައިގެން ވަދެ ނެގީ ހަމައެކަނި 25 ރުފިޔާއެވެ. އެއީ އެ ތަނުގެ މުވައްޒަފެއްގެ ކައުންޓަރުގައި ބާއްވައިފައި އޮތް 25 ރުފިޔާަކަމަށް ވެއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 45 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުން އޭނާއަކީ 2014 އިން ފެށިގެން މި އަހަރުގެ ޖުލައިމަހާ ހަމައަށް ޖަލު ޙުކުމެއް ތަންފީޒު ކުރަމުން އައި މީހެކެވެ. ޙުކުމުގެ ބޮޑު ބައެެއް ފުރިހަމަކޮށްފައިވާތީ މަޢާފު ދީ މިނިވަންކުރީ ޖުލައި 19 ގައެވެ.
މީގެ ކުރިން އޭނާ މޯލްޑިވިއަންގެ އޮފީހާއި ޖުވެނައިލް ކޯޓުގެ ޢިމާރާތުން ވެސް ވައްކަންކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.