ޗައިނާގައި އުއިގުރޫންނަށް ޖިންސީ އަނިޔާއާއި ނަފްސާނީ އަނިޔާ ދެނީ ދެމުން: އދ
ޗައިނާގެ ހުޅަނގު އުތުރުގައި އޮންނަ ޒިންގްޖިއާންގައި ދިރިއުޅޭ އުއިގާ ދަރިކޮޅުގެ މުސްލިމުންނާއި އެހެން ދަރިކޮޅުތަކުގެ ބައިމަދު މުސްލިމުންގެ ތެރެއިން، ޗައިނާ ސަރުކާރުން ހައްޔަރުކޮށްފައިވާ މީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވެދާނެ ކަމަށް އދ. އިން ތުހުމަތުކޮށްފިއެވެ.
އދ.ގެ ޓީމަކުން މައްސަލަ ތަހުގީގު ކުރިތާ އެތައް މަހެއް ފަހުން، އިއްޔެ އާންމުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުން، ގައުމީ ސަލާމަތާ ބެހޭ ގާނޫނުތައް، ޗައިނާ ސަރުކާރުން ނަހަމަ ގޮތުގައި ބޭނުންކުރަމުން ދަނީ، މުސްލިމުންގެ ބައިމަދު ޖަމާއަތްތަކުގެ ހައްގުތައް ނިގުޅައިގަތުމަށެވެ. އަދި އެގޮތަށް ޗައިނާ ސަރުކާރުން އަމަލު ކުރުމުގެ ސަބަބުން، "ހިތު ހުރި ގޮތަކަށް މީހުން ހައްޔަރު ކުރުމުގެ" ސަގާފަތެއް އަށަގަންނަމުން އަންނަ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނާގެ އޮފީހުން ނެރުނު އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ޗައިނާ ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި މުސްލިމް ގައިދީންނާ މެދު ޖަލުތަކުގައި މުއާމަލާތު ކުރަމުން ދަނީ ވަރަށް ދަށު ދަރަޖައެއްގައެވެ. އަދި ބައެއް ގައިދީންނަށް ޖިންސީ އަނިޔާ އާއި މިންތީ ގޯނާތައް ކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ތުހުމަތުކޮށްފައިވެ އެވެ.
ގައިދީންނާ މެދު މުއާމަލާތުކުރާ ގޮތްތައް ކުށްވެރިކޮށް، އދ.ގެ ރިޕޯޓްގައި ޗައިނާ ސަރުކާރަށް ގޮވާލާފައިވަނީ ކުށަކާ ނުލައި ހައްޔަރުކޮށްފައި ތިބި އެންމެން ވަގުތުން ދޫކޮށްލުމަށެވެ. އަދި ޗައިނާ ސަރުކާރުން މުސްލިމް ގައިދީންނާ މެދު އަމަލުކުރަމުންދާ ގޮތުގެ މައްސަލަތައް، ކޮމިޝަން އޮފް އިންޓަނޭޝަނަލް ކްރައިމްސް އަށް ހުށަހެޅިދާނެ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. އޭގެ ތެރޭގައި މުސްލިމް ގައިދީންނާ ދެކޮޅަށް ހިންގާ އިންސާނިއްޔާ ޚިލާފު ޖަރީމާތައް ހިމެނެ އެވެ.
އދ.ގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ޗައިނާ ސަރުކާރުގެ ޖަލުތަކުގައި، ކުށަކާ ނުލައި ހައްޔަރުކޮށްފައި ތިބީ ބައިމަދު މުސްލިމުންގެ ކިތައް ގައިދީންކަމެއް ކަށަވަރުކުރެވޭނެ ގޮތެއް ނެތެވެ. ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އިދާރާތަކުން އަންދާޒާކުރާ ގޮތުގައި، މުސްލިމް ދަރިކޮޅުތަކުގެ ގައިދީން ހައްޔަރުކޮށްފައި ބޭތިއްބުމަށް ޒިންގްޖިއާން ސަރަހައްދުގައި ހަދާފައިވާ އަސްކަރީ ފޭލިގެތަކުގައި މިލިއަނަކަށް ވުރެ ގިނަ ގައިދީން ހައްޔަރުކޮށްފައި އެބަ ތިއްބެވެ.