ދުނިޔެ

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކުން ހުއްޓާލަން ޖެހޭ: ޗައިނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތައިވާނަށް ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ވެފައިވާ އެއްބަސްވުން ވަގުތުން އުވައިލުމަށް ޗައިނާ އިން އެމެރިކާ އަށް ގޮވާލައި، އެއްބަސްވު އުވާނުލައިފި ނަމަ، ރައްދު ފިޔަވަޅު އަޅާނެ ކަމަށް ޗައިނާ އިން އިންޒާރުކޮށްފިއެވެ.

Ads by Sosun Fihaara

ޗައިނާ އިން އެމެރިކާ އަށް މި އިންޒާރު ކުރީ، 101 ބިލިއަން ޑޮލަރުގެ އަގު ހުރި ހަތިޔާރު ގަތުމަށް ތައިވާނުން އެމެރިކާ އަށް ހުށަހެޅި ހުށަހެޅުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ ހުކުރު ދުވަހު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ. ތައިވާންގެ އެ ހުށަހެޅުމާ އެއްގޮތަށް، މަނަވަރަށް ހަމަލާ ދިނުމަށް ބޭނުންކުރާ ޒާތުގެ 60 މިސައިލާއި، މަތިންދާބޯޓުން މަތިންދާބޯޓަށް ހަމަލާ ދޭ ޒާތުގެ 100 މިސައިލް، އެމެރިކާ އިން ތައިވާނަށް ވިއްކުމަށް ނިންމާފައިވާ ކަން، ރައީސް ބައިޑަންގެ ސަރުކާރުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް، މިދިޔަ ހުކުރު ދުވަހު ވަނީ އަންގައިފައެވެ.

އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނު ލިއު ޕެންގްޔޫ ވިދާޅުވީ އެމެރިކާ އިން ތައިވާނަށް ހަތިޔާރު ވިއްކުމަކީ، ޗައިނާ އަބަދުވެސް ދެކޮޅު ހަދާ ކަމެއް ކަމަށެވެ. އެމެރިކާ އިން ތައިވާނަށް ހަތިޔާރު ވިއްކުމަކީ ތައިވާން ކަނޑުއޮޅި ހިމެނޭ ސަރަހައްދުގެ ސުލްހަޔާއި ހަމަޖެހުން ގެއްލި، ޗައިނާ އާއި އެމެރިކާގެ ގުޅުމަށް ބުރޫ އަރާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖިއްޔާ އިން ބުނި ގޮތުގައި ތައިވާނަށް އިތުރު ހަތިޔާރު ވިއްކުމަށް ނިންމީ، ތައިވާންގެ ދިފާއަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުމަށް އެމެރިކާ އިން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ. އަދި މިހާރުގެ ހާލަތުގައި ތައިވާނަށް ހަތިޔާރު ވިއްކުމަކީ ތައިވާންގެ ސަލާމަތާއި ރައްކާތެރިކަމަށް މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ޚާރިޖިއްޔާ އިން ބުންޏެވެ.

ޗައިނާ އިން ދެކޭ ގޮތުގައި ތައިވާނަށް އަސްކަރީ ގޮތުން އެހީތެރިވެދިނުމަކީ، ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަނުމުގެ އަމަލެކެވެ. ޗައިނާ ސަރުކާރާއި ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީން ދެކޭ ގޮތުގައި ތައިވާނަކީ، ޗައިނާއާ ވަކި ނުކުރެވޭނެ އެ ގައުމުގެ ބައެކެވެ. އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށްގެން ވަކި ވެރިކަމެއް ކުރަމުން އަޔަސް، ބޭނުންވެއްޖެ ހިނދެއްގައި ބާރުގެ ބޭނުންކޮށްގެން ވިޔަސް، ތައިވާން ޗައިނާއާ އެއްކޮށްލާނެ ކަމަށް ޗައިނާ އިން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!