ޚަބަރު

ވިލިމާލޭ ފަރަށް ލިބުނު ގެއްލުން ބަލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުން ދެނެގަތުމުގެ މަސައްކަތް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއިން ފަށައިފިއެވެ.

Ads by STELCO

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ ފަރަށް ލިބުނު ގެއްލުން ދެނެގަތުމުގެ ސަރވޭގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނުކަމަށެވެ. ނަޢީމް ވިދާޅުވީ ސަރވޭގެ މަސައްކަތް މުޅިން ނިމޭނެ ތާރީޚެއް އަދި ވިދާޅުވާން ދަތިކަމަށެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ކުރަމުންދަނިކޮށް ބްރިޖު ޕްލެޓްފޯމް ވިލިމާލޭ ފަރަށް އަރާފައިވަނީ މިދިޔަ މަހުގެ 16ވަނަ ދުވަހުގައެވެ. ޕްލެޓްފޯމްގެ ނަގިލި ތިރިކުރަން އުޅުމުގެ ތެރޭގައި ދިމާވި މައްސަލައަކާ ގުޅިގެން ނަގިލީގައި ހިމެނޭ ދަގަނޑެއްވަނީ ވިލިމާލޭ ފަރަށް ވަދެފައެވެ. މީގެ ސަބަބުން ފަރަށް ބޮޑެތި ގެއްލުންތަކެއް ވުމުގެ ފުރުސަތު އޮތުމުން، ބްރިޖު ޓީމުންވަނީ ޕްލެޓްފޯމް މިދިޔަ މަހުގެ 27ވަނަ ދުވަހު ފުންކޮށްފައެވެ.

ބްރިޖް ޓީމުން ވިދާޅުވީ މިޙާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއްކަމަށް ބޮޑަށް ބެލެވެނީ ވިއްސާރަވެ އޮއި ބާރުވުމުގެ ސަބަބުންކަމަށެވެ. މިދުވަސްވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްވަރަކަށްވުމުން ފަރަށް އެރުމުގެ މިޙާދިސާގައި މޫދަށް އެޅިފައިވާ ޕްލެޓްފޯމްގެ ބައިތައް ނަގައި ސާފުކުރުމަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަރިވީކަމަށް ޕްލޭނިންގ މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. ޑައިވްކޮށްގެން ކުރަންޖެހޭ މަސައްކަތެއްކަމަށްވުމުން އޮއި ހުންނަ ގޮތަށް ބަލައި މަސައްކަތް މެދުކަނޑާލަންޖެހުނުކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ. ގިނަ ދަތިތަކާއެކުވެސް އެމަސައްކަތް ބްރިޖް ޓީމުންވަނީ މިދިޔަ އާދިއްތަ ދުވަހު އެއްކޮށް ނިންމާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!