ޚަބަރު

ދެނުކު ހާބަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލޭގެ ދެކުނު ހާބަރު ސަރަޙައްދުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، 24 ގަޑިއިރު އެތަން މޮނިޓަރ ކުރެވޭނެ ގޮތް ހަދައިފިއެވެ.

Ads by STELCO

މިގޮތުން 24 ގަޑިއިރު އެ ސަރަހައްދު ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެ ސަރަޙައްދުގައި ވަނީ 15 ސީސީޓީވީ ކެމެރާ ހަރުކޮށްފައެވެ. މާލޭ ދެކުނު ފަރާތުގެ ބަނދަރުގައި އަލާފައި އޮންނަ އުޅަނދުތަކުގެ ސެކިިއުރިޓީ ބެލެހެއްޓުމާއި ފެނުގެ ޚިދުމަތް އިފްތިތާޙްކުރުމަށް ބޭއްބި ރަސްމިއްޔާތުގައި މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ، މި މަޝްރޫޢަކީ މާލެ ސިޓީގެ ސީސީޓީވީ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި މާލެ އާއި ވިލިމާލޭގެ ހުރިހާ މިސްކިތެއްގައި ކެމެރާ ހަރުކޮށް 24 ގަޑިއިރު މޮނިޓަރ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި ފޭސް ތިނެއްގެ ދަށުން މާލޭ އުތުރު ފަރާތު ފަޅުތެރެ ބެލެހެއްޓުމަށްވެސް ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ ދެކުނު ފަރާތު ފަޅުތެރޭގައި އަޅާ އުޅަނދުތަކުން ވައްކަން ކޮށް ގެއްލުންދޭ މައްސަލަ އަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެއް. މި ސަރައްހައްދަފަހު މާލޭގެ އެކި ސަރަޙައްދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ސީސީޓީވީ ކެމެރާ ހަރުކޮށްނިންމާލުމަކީ އަމާޒެއް.

މާލޭ ސިޓީ ކައުންސިލުން ވަނީ މެރީބްރައުން ކުރިމަތިން ފެށިގެން ސްޓެލްކޯގެ ޕަމްޕް ސްޓޭޝަންއާ ހަމައަށް މުޅި ފަޅުތެރެ ބެލޭނެހެން ސީސީޓީވީ ކެމެރާ ހަރުކޮށް 24 ގަޑިއިރު މޮނިޓަރ ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. އަދި އެ ސަރަހައްދުތަކުގެ އަޅާ އުޅަނދުތަކަށް ފަސޭހައިން ފެން ލިބޭނެ އިންތިޒާމްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!