ޚަބަރު

ތަޖުރިބާ ނެތް ބޭފުޅުންނާއި ޕާޓީގެ އެކްޓިވިސްޓުން ސުޕްރީމް ކޯޓަށް އައްޔަންކޮށްގެން ޖުޑިޝަރީ އިސްލާހުވޭތޯ؟: ހައިލަމް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން
ކުރީގެ ކްރިމިނަލް ކޯޓްގެ އިސް ގާޒީ މުޙައްމަދު ހައިލަމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން ފޮނުވުމުން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ފާޑު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ސޯލިހު، ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ނިންމަވާފައިވަނީ، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލީ ރަޝީދު ހުސައިންނެވެ. އެ ބޭފުޅުންނާމެދު ޖޭއެސްސީއަށް ފެންނަ ގޮތެއް ރައީސްއަށް އެންގެވުމުން ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވާނެ އެވެ.

މިކަމާ ގުޅިގެން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވަނީ ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ލަފާ ހޯދުމަށް ފޮނުވުމަކީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާއާ ހިލާފަށް ވަކި މައްސަލައެއް ނަގައިގެން އަވަހަށް ނިންމާލުމުން ލިބުނު ހަދިޔާއެއްތޯ ސުވާލު ކުރައްވާފައެވެ.

"އިސްތިއުނާފީ ކޯޓެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ނެތް ބޭފުޅުންނާއި ޕާޓީގެ އެކްޓިވިސްޓުން ދައުލަތުގެ އެންމެ މަތީ ކޯޓަށް އައްޔަން ކޮށްގެން ޖުޑިޝަރީ އިސްލާހުވޭތޯ؟" ހައިލަމް ސުވާލު ކުރެއްވިއެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑު ކުރުމަށްފަހު، އަލީ ރަޝީދު އާއި އެކޯޓު ހިންގުން ހަވާލު ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ.

ކްރިމިނަލް ކޯޓަށް އަލީ ރަޝީދު ބަދަލު ކުރުމުގެ ކުރިން އޭނާ ވަނީ، ކުރީގެ ޖިނާއީ ކޯޓުގައި ގާޒީ ކަމުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީކަން ވެސް އަދާ ކުރައްވާފައެވެ. އަދި އިސްގާޒީ ކަމުގައި ހުންނަވައި އަމިއްލަޔަށް އެދިގެން ޑްރަގް ކޯޓަށް ވެސް އޭނާ ބަދަލުވިއެވެ.

ސުޕްރީމު ކޯޓުގައި މިވަގުތު ދެ ފަނޑިޔާރެއްގެ ގޮނޑި ހުރީ ހުސްކޮށެވެ. އެކޯޓުގައި ޖުމްލަ ހަތް ފަނޑިޔާރުން ތިއްބަވަން ޖެހެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!