ޚަބަރު ސިޔާސީ

ވެރިކަމަށް ތަޢުރީފުކުރައްވަން ހައްދަވައިގެން އިމްރާން އާޔަތް ވިދާޅުވީ ނުބައިކޮށް, މާނަ ވިދާޅުވީ ކުޑައިމީސްކޮށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މިނިސްޓަރު އިމްރާން

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުން ކީރިތި ޤުރުއާނުގެ އާލު އިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައިވާ ސިފަތައް ފެންނަކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

Ads by STELCO

ލ.ގަމުގައި މިއަދު ފެށި ވިޔަވަތި ކޮންފަރެންސްގައި އިމްރާން ވިދާޅުވީ ކީރިތި ޤުރުއާނުގައި ފުރިހަމަ ވެރިކަމެއްގެ ނިޒާމުގައި މަޝްވަރާކުރުން އޮންނަންޖެހޭ މިންވަރު ވަރަށް ސާފުކޮށް ގެނެސްދެއްވާފައި އެބައޮތް ކަމަށެވެ. އެހެންވެ ޚުދު ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަަަސައްލަމައަށް އެންމެ ބޮޑަށް އަމުރު ކުރައްވާފައިވަނީ އެކަމަށް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

''އެކަލޭގެފާނު ވެރިކަން ކުރެއްވިއިރު ވެރިޔެއްގެ ސިފައިގަ, އާދެ އަޅުގަނޑުމެން މިކިޔާ ހެޔޮ ވެރިއެއްގެ ކިބައިގަ ހުންނަންޖެހޭ ސިފަތައް އެންމެ އާޔަތެއްގަ ވަރަށް ރީތިކޮށް ސިފަކޮށްދެއްވާފަވޭ.''

އެކަން ފާހަގަކުރައްވައި އިމްރާން ވަނީ އާލު އިމްރާން ސޫރަތުގެ 159 ވަނަ އާޔަތާއި އެ އާޔަތުގެ މާނަ ވިދާޅުވެފައެވެ. ނަމަވެސް އޭނާ އެ އާޔަތް ވިދާޅުވިއިރު, އެ އާޔަތުގެ މެދުތެރެއިން ބައެއް ވިދާޅެއް ނުވެއެވެ.

އާލު އިމްރާން ސޫރަތުގެ 159 ވަނަ އާޔަތާއި އެ އާޔަތުގެ މާނަ
އިމްރާން ވިދާޅުވި ގޮތް:

''فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ ''

''ކަލޭގެފާނުގެ މައްޗަށްވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އޯގާވެރިކަމުގެ ބޮޑުކަމުން ކަލޭގެފާނު ވެވަޑައިގެންނެވިއޭ އެބައިމީހުންނަށްޓަކައި ވަރަށް އޯގާވެރި ބޭފުޅަކަށް. ﷲ ގެ ރަޙްމަތުގެ ބޮޑުކަމުން ކަލޭގެފާނަކީ ކަލޭގެފާނުގެ ދަށުގައި ތިބި ރައްޔިތުންނަށް ވަރަށް އޯގާވެރި ހެޔޮ މީހެއްކަމުގައި ކަލޭގެފާނު ވެވަޑައިގެންނެވިއޭ.''

''وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ ''

''ކަލޭގެފާނަކީ ހިތްހަރު, ހަރުކަށި މީހެއްނަމަ އެ އެންމެން ކަލޭގެފާނު ދޫކޮށްލާފައި އެންމެން ދުރަށް ގޮސް އެންމެން ފިލައި ހިނގައްޖެއޭ.''

''فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ''

''ފަހެ އެބައިމީހުންނަށް ކުރެވޭ ކަންކަމުގައި, ހެދޭ ގޯސްތަކުގައި ކަލޭގެފާނު އެބައިމީހުންނަށް މާފުކޮށްދެއްވާށޭ. އަދި އެބައިމީހުންގެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރައްވާށޭ.''

''وَشَاوِرْهُمْ''

''އަދި ކަލޭގެފާނު އެބައިމީހުންނަށް ގިނައިން މަޝްވަރާ ކުރައްވާށޭ.''

''فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ''

''އަދި މަޝްވަރާކުރެއްވުމަށްފަހު, ވަކި ގޮތެއް ނިންމަވާ ޢަޒުމް ކަނޑައަޅުއްވައިފިއްޔާ ދެން ފަހަށް އެނބުރި ނުބައްލަވާ ﷲ އަށް ވަކީލުކުރައްވައިގެން ކުރިއަށް ވަޑައިގަންނަވާށޭ.''

''إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ''

''ހަމަކަށަވަރުން ﷲ އީ ވަކީލުކުރާ މީހުންދެކެ ލޯބިވެވޮޑިގަނަންވާ އިލާހޭ.''

މި އާޔަތުން އިމްރާން ވިދާޅުނުވަނީ وَشَاوِرْهُمْ ގެ ފަހަތުގައި ބަޔާންކުރައްވާފައިވާ فِي الْأَمْرِ މި ބައެވެ.

''فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ'' އާލު އިމްރާން 159

މީގެ އިތުރުން އާޔަތުގެ މާނަ ވިދާޅުވިއިރު, ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަަަސައްލަމައަށް ނިސްބަތްކުރައްވައި ''މީހެކޭ'' ވިދާޅުވެފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ދިވެހިބަހުން އެކަލޭގެފާނަށް ނިސްބަތްކޮށް ވާހަކަދައްކާއިރު ކިޔަން ޖެހޭނީ ''ބޭކަލެއް'' މި ގޮތަށްކަން ފާހަގަކޮށްލެވެއެވެ.

މިސާލަކަށް ކަލޭގެފާނަކީ ހިތްހަރު, ''ހަރުކަށި މީހެއް'' ކިޔުމުގެ ބަދަލުގައި, ކަލޭގެފާނަކީ ހިތްހަރު, ''ހަރުކަށި ބޭކަލެއް'' ނަމަ އެ އެންމެން ކަލޭގެފާނު ދޫކޮށްލާފައި ހިނގައްޖައީހޭ މި ގޮތަށް ބުނެވިދާނެއެވެ.

އިމްރާން ދެއްކެވި ވާހަކައިގައި ދެން ވިދާޅުވީ ހެޔޮ ވެރިކަމެއްގައި ހުންނަންޖެހޭ ސިފަތަކަކީ އެ އާޔަތުގައި ބަޔާންކުރައްވާފައިވާ ސިފަތައް ކަމަށެވެ.

''ރައްޔިތުންނާމެދު އޮންނަންޖެހޭ އޯގާވެރިކަން, ރައްޔިތުންނާމެދު އޮންނަންޖެހޭ ގާތްކަން, އާދެ މިއަދުގެ މި ވެރިކަމުން އެ ސިފަތައް އެންމެ ރީތި ގޮތުގައި, ފުރިހަމަ ގޮތުގައި ފެންނާތީ މި އެންމެން މި ތަނަށް ހާޒިރުވެގެން މި ތިބީ. އެކަން ކުރަން އަޅުގަނޑުމެން އައިސް މި ތިބީ. އެކަމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެންނާނެ.'' އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!