ދުނިޔެ

ކޮވިޑުން ޗައިނާ އަދިވެސް އަރައިނުގަނެވޭ؛ ގިނަ ބަޔަކު ކާޑަށް ޖެހިފައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 ބަލިމަޑުކަން ފެތުރެމުންދާތީ ޗައިނާގެ ބައެއް ސަރަހައްދުތަކުގައި ފުރަބަންދުގެ ހާލަތު އިއުލާންކޮށްފައި އޮތުމުން، ކާބޯތަކެއްޗާއި އަސާސީ އެހެނިހެން ސާމާނު ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެ އާންމުންގެ ޝަކުވާ އިތުރުވާން ފަށައިފި އެވެ.

Ads by Sosun Fihaara

ކޮވިޑް ފެތުރެމުން ދާތީ، ޗައިނާގެ 30 އަށް ވުރެ ގިނަ ސަރަހައްދުގައި ވަނީ ފުރަބަންދުގެ ހާލަތު އިއުލާންކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ސަރަހައްދުތަކަކީ، އެއްގޮތަކަށް ވެސް އާންމުން ބޭރަށް ނުކުތުން މަނާ ސަރަހައްދުތަކެވެ. ބައެއް ސަރަހައްދުތަކުގައި، ޒަރޫރީ ސާމާނާއި ކާބޯތަކެތި ގަތުމަށްޓަކައި ވަކި އުސޫލުތަކެއްގެ ދަށުން ބޭރަށް ނުކުމެވެ އެވެ.

އެ ސަރަހައްދުތަކުގައި ފުރަބަންދުގެ ހާލަތު އިއުލާންކޮށްފައި އޮތުމުން، އެތައް މިލިއަން ބަޔަކު މިހާރު ތިބީ ކާބޯތަކެތި ލިބޭނެ ގޮތެއް ނެތި ކަންބޮޑުވެފަ އެވެ. އެ ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅޭތީ ޑެލިވަރީގެ ޚިދުމަތް ލިބެނީ ވެސް، އެއްޗަކަށް އޯޑަރުކުރާތާ، އެތައް ގަޑިއިރެއް އަދި ބައެއް ފަހަރު އެތައް ދުވަހެއް ފަހުން ކަމަށް އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން ބުނެ އެވެ.

ބައެއް މީހުން ބުނި ގޮތުގައި ހަނޑުލާއި ގޮދަން ފުށާއި ކުކުޅު ބިސް ނުލިބޭތާ މިހާރު 15 ދުވަސް ވެއްޖެ އެވެ. އަދި މީގެ ހަތަރު ދުވަސް ކުރިން ފެށިގެން، ކުޑަކުދިންގެ ބުއްދަޅު ވެސް ހުސްވެފައިވާ ކަމަށް އެމީހުން ބުނެ އެވެ.

މިއަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި، ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީގެ ކޮންގްރެސް ބާއްވަން ތާވަލުކޮށްފައިވާތީ، ޗައިނާ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތައް އަޅައިގެން، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމުގައި ޗައިނާ ސަރުކާރުން ގެންގުޅެމުން އަންނަ ސިޔާސަތަކީ މަދު އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވިޔަސް، އެ ސަރަހައްދެއް ފުރަބަންދުކޮށް، އާންމު އެއްވުންތައް ބޭއްވުން ހުއްޓައިލުމެވެ. އެތައް މިލިއަން ބަޔަކު ދިރިއުޅޭ 30 ސަރަހައްދެއް ފުރަބަންދުކޮށްފައި އޮތް އިރު، އިއްޔެ މުޅި ޗައިނާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 949 މީހުން ކަމަށް، އެ ގައުމުގެ ރަސްމީ ތަފާސްހިސާބުތައް ދައްކަ އެވެ.

ކަޒަކިސްތާނާއި ޗައިނާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ޒިންގްޖިއާން ސަރަހައްދުގެ ބައެއް އަވަށްތަކުގައި ފުރަބަންދުގެ ހާލަތު އިއުލާންކުރީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން މިހާރު އަންނަނީ، ކާބޯތަކެއްޗަށް ޖެހިފައިވާ ކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި އާންމު ކުރަމުންނެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި އެ ސަރަހައްދުގެ ފިހާރަތަކުގައި ކާބޯތަކެތި ހުއްޓަސް، ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮތުމުން، އޭޓީއެމަށް ގޮސްގެން ފައިސާ ނެގޭނެ ގޮތެއް ނެތުމުން، ކާބޯތަކެތި ގަނެވޭނެ ގޮތެއް ނެތެވެ.

ޗައިނާގެ ހުޅަނގު-ދެކުނުގައި އޮންނަ ގުއިޒޫ ޕްރޮވިންސްގެ ވެރިރަށް ގުއިޔާންގްގައި، ދުރާލައި އެންގުމަކާ ނުލައި ކުއްލި ގޮތަކަށް ފުރަބަންދުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ ފަސް ލައްކަ މީހުން މިހާރު ތިބީ ގޮތް ހުސްވެފަ އެވެ. އެއްވެސް ވަރަކަށް ތައްޔާރުވުމުގެ ފުރުސަތެއް ނުދީ ފުރަބަންދު ކުރުމުން، ގޭގޭގައި ކާބޯތަކެއްޗެއް ވެސް މިހާރު ނެތެވެ.

ފުރަބަންދުގެ ހާލަތު އިއުލާންކުރުމާ އެކު، މީހުން ބޭރަށް ނުކުމެއުޅުން ހުއްޓުވުމުގެ ގޮތުން، ފުލުހުން ނުކުމެ އިމާރާތްތަކުގެ ލިފްޓުތަކުން ވަނީ ކަރަންޓު ކަނޑާލައިފަ އެވެ. ސުޕާމެކެޓްތައް ވެސް ބަންދުކޮށްފައި ހުރުމުން، އޮންލައިންކޮށް ވިޔަފާރިކުރެވޭނެ ގޮތެއް އަދި ޑެލިވަރީގެ ޚިދުމަތް ދެވޭނެ ގޮތެއް ވެސް ނެތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!