ޚަބަރު ވިޔަފާރި

ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިދިޔަ އަހަރުގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތައް މި މަހު ހާމަކުރާނެކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

Ads by Hajj Corporation

މީރާއިން ބުނީ 31 ޑިސެމްބަރު 2021 ގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީ, ގްރީން ޓެކްސް އަދި ވިތު ހޯލްޑިންގ ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް މި މަހު ހާމަކުރާނެ ކަމަށެވެ.

''ޓެކުހާއި ޓެކުހަށް ނުވާ އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން އަހަރުގެ އެކި މަސް މަހުގައި، ދެންނެވުނު އުސޫލުގެ ދަށުން ހާމަކުރަމުން ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ.'' މީރާއިން ބުންޏެވެ.

އެ ގޮތުން 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަނާޅާ އަދި އިންކަމް ޓެކްސް ނުދައްކައިވާ ފަރާތްތަކުގެ ނަން އަންނަ އޮކްޓޫބަރު މަހުގައި ހާމަކުރާނެ ކަމަށް މީރާއިން ބުންޏެވެ.

މީރާއިން ބުނީ ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި, އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން އެ އޮތޯރިޓީގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް މިހާރު އަޅަން ފަށައިފައިވާ ކަމަށެވެ.

''މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި, ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކެވުމަށް، ނުވަތަ މި އޮތޯރިޓީއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް އިލްތިމާސްކުރަމެވެ.''

މީރާއިން ވަނީ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި އެ އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުމަށް ނުވަތަ ވައިބާ ނަންބަރު 9821415 އަށް މެސެޖުކުރުމަށް އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!