ޚަބަރު ރައްޔިތުންގެ މަޖިލިސް

އެއާޕޯޓުގައި ޖާސޫސްކުރަން އުޅުނު މައްސަލައާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޖާސޫސް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކުރި ދެ މީހުންގެ ތަޙްޤީޤު ދެފުށް ފެންނަ ގޮތެއްގައި ހިންގައި, މައްސަލައިގެ ތަފްސީލު ރައްޔިތުންގެ މަޖިލީހާ ހިއްސާކުރުމަށް ގޮވައިލައްވައި, މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

Ads by Hajj Corporation

އެއާޕޯޓުގައި ދޫކޮށްލާފައި އޮތް ދަބަހެއްގެތެރޭގައި އޮތް ގަމީހެއްގައި ބަޓަން ކެމެރާއެއް އޮތުމުން އެ މައްސަލައިގައި އިންޑިއާ ދެ މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 28 ގައެވެ. އެ ދެ މީހުންނާއެކު އިތުރު ބަޔަކު ވެސް ޝާމިލްވާކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މި މައްސަލަ ފެންމަތިވުމުގެ ކުރިން އެ މީހުން ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.

ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ފުރަތަމަ ވަނީ 10 ދުވަސް ޖަހައިފައެވެ. އޭގެފަހުން އެކަމާބެހޭ މަޢުލޫމާތެއް ނުލިބެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަޢީދު ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް 34 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވީ 06 މެންބަރުންނެވެ.

ސަޢީދުގެ މައްސަލައިގައި ވަނީ އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ނޫސްވެރިންނަށް މަޢުލޫމާތު ހިއްސާ ނުކުރާ ކަމަށާއި, އެކަމާ ގުޅުންހުރި ކަންކަން ރައްޔިތުންނަށް ސިއްރުކުރާ ކަމަށާއި, ހައްޔަރުކުރި ދެ މީހުން ވީތަނެއް ފުލުހުންނަށް ވެސް ނޭނގޭކަމާއި, އެ ހާދިސާއާ ގުޅިގެން އަދިވެސް އެއާޕޯޓުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް އިތުރު ބަދަލެއް ނުގެންނަކަން ފާހަގަކުރައްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!