ދުނިޔެ

ޗައިނާގައި ބަސް އެކްސިޑެންޓެއް ހިނގާ 27 މަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި ކޮވިޑް19 ޖެހިފައި ތިބި ބަޔަކު އަރުވައިގެން ކަރަންޓީން ފެސިލިޓީއަކަށް ދަތުރުކުރި ބަހެއް ފުރޮޅާލުމުގެ ސަބަބުން 27 މީހުން މަރުވެ އިތުރު 20 މީހުންނަށް އަނިޔާތައް ލިބިއްޖެއެވެ. ޗައިނާގެ ހުޅަނގު ދެކުނު ގުއީޒޫ ޕްރޮވޮވިންސްގައި އެތާގަޑިން ރޭ ދަންވަރު 2:40 އެހާއިރު ހިނގި އެކްސިޑެންޓުގައި ބަސް ފުރޮޅާލާފައި ވަނީ ހައިވޭއެއްގައި ދަތުރު ކުރަމުން ދަނިކޮށެވެ.

Ads by WAMCO

ޗައިނާގައި މިހާރު ހިފަހައްޓަމުން ގެންދާ ޒީރޯ ކޮވިޑް ޕޮލިސީގެ ދަށުން ބައްޔަށް ޕޮޒިޓިވް ވާ މީހުން ފެސިލިޓީއަކަށް ދާން ޖެހެއެވެ. ނޫންނަމަ ގޭގައި އެކަހެރިވާން ޖެހެއެވެ. މިކަމާ ގިނަ ބަޔެއްގެ ފާޑު ކިއުން އަންނަނީ ސަރުކާރަށް އަމާޒު ކުރަމުންނެވެ. މިފަދަ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ބަހަކަށް ނުތަކާވަރަށް މީހުން އަރުވައިގެން 12 ގަޑި އިރުގެ ދަތުރެއްގައި ކާއެތި ކޮޅެއް ފެންފޮދެއް ލިބޭނެ ގޮތެއް އަދި ފާޚާނާ ކުރެވޭ ގޮތެއް ވެސް ހަމަޖައްސާދީފައެއް ނުވެއެވެ.

ޗައިނާގެ ގަވާއިދު އޮންނަ ގޮތުން ދަންވަރު 2ން ފަތިހު 5ށް ހައިވޭތަކުން ފަސިންޖަރުން އުފުލާ ބަސްތައް ދަތުރު ކުރުމަކީ މަނާކަމެކެވެ. އެހެން ކަމުން މި ބަސް ދަތުރު ކޮށްފައިވަނީ މަނާ ގަޑިއެއްގައިކަން ވެސް އެނގެއެވެ.

ގުއިޒޫގައި މިވަގުތު ވަރަށް ބޮޑަށް ކޮވިޑް19 ފެތުރެމުން ދާކަމަށް ވެއެވެ. މިގޮތުން ހޮނިހިރު ދުވަހު ވެސް ވަނީ 712 މީހުން ޕޮޒިޓިވްވެފައެވެ. މިއީ މުޅި ޗައިނާގައި ޕޮޒިޓިވްވި މީހުންނަށް ބެލިއަސް ވަރަށް ބޮޑު އަދަދެކެވެ.

ޗައިނާގެ ކޮވިޑް އުސޫލުތައް ބުނާގޮތުން 21 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވެރިރަށް ބޭޖިންގުގައި ވެސް އާންމު އިމާރާތްތަކަށް ވަނުމަށާއި އަދި ކަންމަތީ ފިހާރަތަކަށް ވަނުމަށް ވެސް ކޮންމެ ތިންދުވަހަކުން ޕީސީއާރު ޓެސްޓު ހަދަން ޖެހެއެވެ.

ބަސް އެކްސިޑެންޓުގައި ގުއިޒޫއިން 27 މީހުން މަރުވެފައިވާއިރު ކޮވިޑް ޖެހިގެން އެޕްރޮވިންސުން މަރުވީ އެންމެ ތިން މީހުން ކަމަށް ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!