ދުނިޔެ

އުއިގުރޫންނަކީ ކޮބާ؟ އެ މީހުންގެ ޙައްޤުތަކުގެ ވާހަކަ ނުދައްކަނީ ކީއްވެ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މުސްލިމުންނަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު ބާރުތަކުން ފަހުގެ ތާރީޚްގައި ދަނީ އަނިޔާވެރިވަމުންނެވެ. ފަލަސްތީނުގެ ބިމުގައި ހިސާރުވެގެން ތިބި ޔަހުދީ އިސްރާއީލުގެ މީހުންނާއި ޖަންމު ކަޝްމީރުގައި އަނިޔާލިބެމުންދާ އެތައް މުސްލިމުންނެއްގެ ވާހަކަ އަޑުއިވެއެވެ. ސީރިއާގެ ދާޚިލީ ހަނގުރާމައާއި ޔަމަނުގައި ސައުދީން ހިންގަމުން އަންނަ ހަނގުރާމަތަކުގެ ސަބަބުން އަނިޔާ ލިބި، ޝަހީދުވަމުންދަނީ އެތައް މުސްލިމުންނެވެ. ނަމަވެސް މިއަދު ފާހަގަކޮށްލަން ބޭނުންވަނީ މި މީހުންގެ ވާހަކައެއް ނޫނެވެ. ދުނިޔޭގެ އިޤްތިޞާދީ ބޮޑު ބާރަކުން، އިންސާނީ ކަރާމާތް ނަގާލާފައިވާ އިސްލާމީ ޖަމާއަތެއްގެ ވާހަކައެވެ. ޗައިނާގެ އުއިގުރޫ މުސްލިމުންގެ ވާހަކައެވެ.

Ads by WAMCO

ބައެއް ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި ޗައިނާއަކީ، ދާޚިލީ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމެއް ނެތި ޤައުމުތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރާ ޤައުމެކެވެ. އަނެއް ބަޔަކު ޤަބޫލު ކުރާ ގޮތުގައި ޗައިނާގެ މާލީ އެހީތެރި ކަމަކީ ދަރަނި ދަންތުރައެކެވެ. މި ބަހުސް ފަހަށް ބާއްވާފައި، ޔަޤީންވާ އެއް ވާހަކައެއް ބުނެލާނަމެވެ. ޗައިނާއިން ގެންގުޅޭ އެހީތެރިވުމުގެ ސިޔާސަތާއެކު، ހަމަގައިމު ވެސް ޤައުމުތަކުގެ އަނގަ ބަންދުކޮށްލައެވެ.

ޗައިނާގެ އުއިގުރޫ މުސްލިމް މިލިޔަނެއްހާ މީހުން ކޭންޕްތަކުގައި ބަންދުކޮށް، އެ މީހުންގެ އިންސާނީ ކަރާމާތް ގެއްލުވާލާ. ލާއިންސާނީ އަމަލުތައް ހިންގަމުންދާ ވާހަކައަކީ، އިއްޔެއަކު މިއަދަކު ދެކެވެން ފެށި ވާހަކައެއް ނޫނެވެ. 2017 ވަނަ އަހަރުން ފެށިގެން، މިކަމެއް ހިނގަން ފެށިއެވެ. އެހެންނަމަވެސް މިކަމާ ބަސް ބުނެލާނެ އިސްލާމީ އުންމަތެއް މިއަދަކު ނެތެވެ. އިސްލާމީ އަމީރުންނާއި ރައީސުންނަކީ ޗައިނާގެ އަޚުންނެވެ. އެ ޤައުމުތަކުގައި ޗައިނާގެ ހިލޭ އެހީއާއި ލޯނު އެހީތަކުގެ އެހީގައި އެތައް ޕްރޮޖެކްޓެއް ހިނގައެވެ. ދުވަހަކަށްވުރެ ދުވަހެއް ތަނަވަސްވަމުން، މުއްސަނދިކަން އިތުރުވަމުންދާ، ބޮޑު ޗައިނާގެ ލާއިންސާނީ އަމަލުތަކުގެ ވާހަކަ ދައްކާލާނެ މީހަކު ނުވެއެވެ. މީޑިއާތަކުން ވެސް އެ ވާހަކައެއް ނުފެނެއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގެ އިޤުތިޞާދީ މަޞްލަޙަތު ލާޒިމުކުރަނީ ޗައިނާއާ ގުޅުން ބަދަހިކުރުމަށެވެ. ޗައިނާގެ އުނިކަމެއް ފެނިއްޖެނަމަ، ދެލޯ މަރައިލުމަށެވެ.

އުއިގުރޫންނަކީ ކޮބާ؟

އުއިގުރޫންނަކީ ޝިންޖިއަންގް އުއިގޫރު އޮޓޮނޮމިކް ރީޖަން (އެކްސްޔޫއޭއާރު) ގެ ނަމުން މަޝްހޫރު ޝިންޖިއާންގްގައި ދިރިއުޅެމުން އަންނަ ގާތްގަނޑަކަށް 12 މިލިއަން މީހުންނެވެ. އުއުގުރޫންނަކީ ތުރުކީ ނަސްލުގެ ބައެކެވެ. އެ މީހުން ވާހަކަ ދައްކަނީ ވެސް ތުރުކީ ބަހާއި އެއްގޮތް އަމިއްލަ ބަހަކުންނެވެ.

އެ މީހުންނަކީ ޗައިނާގެ އަތް ދަށަށް ދިއުމުގެ ކުރީގައި މަދު ދުވަސްކޮޅަކަށް އަމިއްލަ މިނިވަންކަން އޮތް ބައެކެވެ. އެ މީހުން، އަމިއްލަ ސަރަހައްދަށް ކިޔަނީ އިސްލާމިކް ރިޕަބްލިކް އޮފް އީސްޓް ތާކިސްތާންނެވެ. 1933 ވަނަ އަހަރު މިހާރުގެ ޝިންޖިއަންގްގެ ކަޝްގަރގައި އުއިގުރޫންވަނީ އެމީހުންގެ އަމިއްލަ ޤައުމެއް އުފައްދާފައެވެ. ނަމަވެސް އޭގެ އަހަރެއް ފަހުން ޗައިނާއިން ވަނީ އެ ސަރަހައްދު އެމީހުންގެ ބާރުގެ ދަށަށް ގެެނެސްފައެވެ.

އޭގެ ފަހުން 1944 ވަނަ އަހަރު ޝިންޖިއަންގްގެ އިރުމަތި ބިތުން، މިހާރުގެ ރަޝިއާ ބޯޑަރު ކައިރިން އަނެއްކާވެސް އުއިގުރޫންވަނީ މިނިވަން ދައުލަތެއް އުފައްދާފައެވެ. އީސްޓް ޓާކިސްތާން ރިޕަބްލިކްގެ ނަމުން ނަންދިން މި ދައުލަތަކީ އޭރުގެ ސޯވިއަޓް ޔޫނިއަންގެ އެހީގައި އުފައްދާފައިވާ ދައުލަތެވެ. ނަމަވެސް 1949 ވަނަ އަހަރު ޗައިނާގެ ސަރުކާރު ކޮމިއުނިޒަން ސިސްޓަމަށް ބަދަލުވުމުން، ސޯވިއަޓް ޔޫނިއަނުންވަނީ އީސްޓް ޓާކިސްތާން ރިޕަބްލިކަށް ދެމުން ގެންދިޔަ އެއްބާލުން އަނބުރާ ނަގާ، އެތަން ޗައިނާގެ ބާރުގެ ދަށަށް ގެނައުމަށް އެހީތެރިވެފައެވެ.

1944 ފަހުން ޝިންޖިއަންގްގެ ސަރަހައްދަކީ ޗައިނާގެ ބައެކެވެ. ޝިންޖިއާންގްގެ މާނައަކީ އައު ބޯޑަރެވެ. މާނައަކީ އެ ސަރަހައްދަކީ ޗައިނާގެ އައު ބޯޑަރެވެ.

ޝިންޖިއަންގް ސަރަހައްދު ޗައިނާއަށް މުހިންމުވީ ކީއްވެ؟

ޗައިނާއަށް ޝިންޖިއާންގް މުހިންމުވާ އެއް ސަބަބަކީ އެތަނުގެ ނެޗުރަލް ރިސޯސަސްއެވެ. ޝިންޖިއާންގްއަކީ ޤުދުރަތީ މުއްސަދި ކަމެއް ލިބިގެންވާ ސަރަހައްދެކެވެ. ތަފާސް ހިސާބަށް ބަލާލައިފިނަމަ ޗައިނާގެ 40 އިންސައްތަ ކޯލް ރިޒާވް ހުންނަ ސަރަހައްދުއެވެ. އަދި ޗައިނާގެ ތެޔޮ އަދި ގޭސްގެ 20 ޕަސެންޓަކީ ޝިންޖިއާންގްއެވެ.

މީގެ އިތުރުން ދުނިޔޭގެ ޤައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް، ޗައިނާގެ ބޭރުގަދަ ކުރުމަށް 2013 ވަނަ އަހަރު ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދިއުމަށް މި ސަރަހައްދަކީ ޗައިނާއަށް މުހިންމު ސަރަހައްދެކެވެ. ސަބަބަބަކީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ގިނަ ޓްރޭޑް ރޫޓްތަކަކަކީ ޝިންޖިއާންގް ތެރެއިން ލާފައި ދާ ރޫޓްތަކެއް ކަމަށްވުމެވެ. މިހެންކަމުން މި ސަރަހައްދަކީ ޗައިނާގެ މައި ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ ސަރަހައްދަކަށްވުން މުހިންމުވެގެންދިޔައެވެ.

ޝިންޖިއަންގްގައި ޗައިނާގެ ބާރުވެރިކަން ދެމެހެއްޓުމަށް ނަވާރަ ސަތޭކައިގެ އަހަރުތަކުން ފެށިގެން މަސައްކަތް ކުރެވެން ފެށިއެވެ. މިގޮތުން ޗައިނާގެ މެޖޯރިޓީ ނަސްލުގެ މީހުން ކަމަށްވާ ޚާން ޗައިނީސް މިހުން މި ސަރަހައްދަށް ހިޖުރަކުރަން ސަރުކާރުން ބާރު އަޅަމުން ދިޔައެވެ. މިއީ ސީދާ ޗައިނާގެ މައި ސަރުކާރުގެ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ކުރި ކަމެވެ.

1945ގައި ޝިންޖިއާންގްގެ އާބާދީގެ 82.7 އިންސައްތަ އާބާދީއަކީ އުއިގުރޫންނެވެ. ހާން ޗައިނީސްގެ އިންސައްތައަކީ 6.2 އެވެ. ޚާން ޗައިނީސްގެ އާބާދީ އިތުރު ކުރުމުގެ މަސައްކަތާއެކު 2008 ވަަނަ އަހަރު އެތަނުގެ އާބާދީގެ 39.2 އިންސައްތައަކީ ޚާން ޗައިނީސް މީހުންނެވެ. އުއިގުރޫންގެ އިންސައްތައަކީ 46.1އެވެ.

އުއިގުރޫން ނިކަމެތި ކުރުމުގެ އާދައެއް ޗައިނާއިން އަބަދުވެސް އައީ ގެންގުޅެމުންނެވެ. މިގޮތުން ޝިންޖިއަންގްގައި ޚާން ޗައިނާ މީހުންނަށް މަތީ މުސާރަ ލިބޭ ވަޒީފާތަކާއި ސަރުކާރުގެ ވަޒީފާތައް ދޭއިރު، އުއިގުރޫންނަށް ދިޔައީ ތަފާތު ކުރަމުންނެވެ. އުއިގުރޫންގެ ގިނަ މީހުން އުޅެނީ ދަނޑުވެރިކަން ކުރުމަށެވެ. އުއިގުރޫން ބުނާ ކުރާ ގޮތުގައި އެތަނުގައި އެ މީހުން ދިރިއުޅެނީ ދެވަނަ ދަރަޖައިގެ މީހުންގެ ގޮތުގައެވެ.

ޝިންޖިއާންގްގައި އުއިގުރޫން އުޅެމުން އައީ ނިކަމެތި ދިރިއުޅުމެކެވެ. މިނިވަން ބައެއް ނަމަވެސް، މިނިވަން ކަމެއް އެމީހުންނަށް އިޙްސާސެއް ނުކުރެވެއެވެ. މިކަމުގެ ނަތީޖާއަކަަށް ވެގެން ދިޔައީ، އަމިއްލަ މިނިވަންކަމަށް ގޮވާލާ އަޑުތައް އިތުރުވުމެވެ. މިނިވަން ޤައުމެއް ހޯދުމަށް މަސައްކަތް ފެށުމެވެ.

މިގޮތުން 2009 ވަނަ އަހަރު އުއިގުރޫންނާއި ހާންސް އާ ދެމެދު ހަމަނުޖެހުންތައް ފެށުނެވެ. ބޮޑެތި މުޒާހަރާތަކެއް ކުރެވެން ފެށިއެވެ. އެ އަހަރު އެކަނިވެސް ހަމަނުޖެހުންތަކުގައި 200އެއްހާ މީހުން މަރުވިއެވެ. މި ހަމަނުޖެހުންތައް ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.

ހަރުކަށި ފިކުރު ނައްތާލަން ކަމަށް ބުނެ، ޖީލެއް ނައްތާލަން އެތައް އަނިޔާއެއް

ޝިންޖިއާންގްގައި ހަމަނުޖެހުންތައް އިތުރުވެ، ޗައިނާގެ މިލިޓަރީން އެ ސަރަހައްދު 24 ގަޑިއިރު މޮނިޓަރު ކުރަން ފެށީ 2015ގައެވެ.

ޝިންޖިއާންގްއަކީ މުޅި ދުނިޔޭގައި ވެސް މިލިޓަރީ އިން އެންމެ ގާތުން ބަލަމުން އަންނަ ސަރަހައްދެވެ. މި ތަނުގައި ކެމެރާއެއް ނުހުންނަ މަގެއް ނުހުންނާނެއެވެ. ފޭޝިއަލް ރިކޮގްނިޝަން ބޭނުންކޮށްގެން، މީހުން އުޅޭ ނޫޅޭ ގޮތް އަބަދު ވެސް މޮނިޓަރ ކުރެވެއެވެ.

އޭގެ ފަހުން މުސްލިމުންނަށް އަމާޒުކޮށްގެން 2016ަގައި ހަރުކަށި ފިކުރާ ދެކޮޅަށް ކަމަށްބުނެ ޗައިނާގައި ޤަވާއިދުތަކެއް ހެދުނެވެ. މި ޤަވާއިދުތަކުގެ ދަށުން ތުބުޅި ދިގު ކުރުންފަދަ އިސްލާމް ދީނުގެ ސުންނަތްތައް މަނާކުރިއެވެ.

މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ޝިންޖިއާންގްގައި މިއަދު ބަންގި ގޮވުމަކީ މަނާ ކަމެކެވެ. ރޯދަ ހިފާ މީހުންނަށް އަދަބުދެއެވެ. ނަމާދު މިސްކިތުގައި ކޮށްފިނަމަ، އެ ވީ ހައްޔަރު ކުރާށެވެ. މި މީހުންގެ ހަރުކަށި އަމަލުތަކާއި ދެކޮޅަށް ވާހަކަ ދައްކާ ކޮންމެ މީހަކީ ޓެރެރިސްޓެކެވެ. ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ.

ޗައިނާއިން މަސައްކަތް ކުރަނީ އުއިގުރޫ މުސްލިމުންގެ ނަސްލު އެއްކޮށް ނައްތާލުމަށް ކަމަށް މަސްލަހަތު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި އެ މީހުންގެ ތެރެއިން މިހާރު އުފަންވަމުން އަންނަ ޅަ ޖީލުގެ ބޯ ކާލާ، ގޮޑިހޮއްކޮ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ ވާހަކަދައް ދެކެވެ.

މިކަމުގެ އެންމެ ބޮޑު ހެއްކަކީ އުއިގުރޫންނަށް ޚާއްސަ ކޭންޕްތަކެވެ. އެއީ އެ މީހުންނަށް ޖަލުތަކެކެވެ.

އުއިގުރޫން ގެންގުޅޭ ކޮންސެންޓްރޭޝަން ކޭންޕްތައް ހަދާފައިވާ ސަރަހައްދުގެ ފޮޓޯ އެކި އަހަރުތަކުން

މި ކޭންޕްތަކުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ 2017ވަނަ އަހަރުއެވެ. ފުރަތަމަ މިއީ ހުންނަ ތަނެއް ނޫން ކަމަށް ޗައިނާ ބުނިއެވެ. އެހެންނަމަވެސް ސެޓެލައިޓް ފޮޓޯތަކުން ކޭންޕްތައް ހުންނަކަން ޔަޤީންވުމުން ސަރުކާރުން ބުނެފައިވަނީ އެއީ "އަލުން ތައުލީމް ދޭ" ތަނެއް ކަމަށެވެ. އަދި އެތަނުގައި ތިބެނީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ޗައިނާގެ ސަރުކާރުން ބުނެއެވެ.

ޗައިނާގެ ސަރުކާރުގެ މި ވާހަކަަތައް ދާދިފަހުން ލީކްވި ޗައިނާގެ ފުލުހުންގެ ފައިލްތަކުން އެނގެއެވެ. އެތަނުގައި އެތައް ކުޑަ ކުދިންނެއް އެބަތިއްބެވެ. އަންހެނުންނެއް އެބަ ތިއްބެވެ. އަނިޔާވެރިކަން އޮތީ އިންތިހާއާއަށެވެ. ފިލަން މަސައްކަތްކޮށްފިނަމަ، އިންޒާރަކާ ނުލާ ބަޑި ޖެހުމުގެ ހުއްދަ އެތަނުގެ ގާޑުންނަށް އޮވެއެވެ. ކޭންޕްތަކަށް ގެންގޮސް އަންހެނުންނަށް ދަރިމައިނުވެވޭ ކަހަލަ ބޭސްދީ ހަދައެވެ. މާބަނޑު މީހުން ގެންގޮސް ދަރި ވައްޓަން މަޖުބޫރު ކުރެއެވެ. ދުވަސް ނުފުރާ ދަރިފުޅު ވައްޓާލާއިރު، ދިރިހުރިނަމަ މަރާލައެވެ.

އެތަނުގައި ހައްޔަރުކޮށްފައި ތިބި ބައެއް ފަރާތްތަކުގެ ކުށް ތިރީގައި މިގެންނަނީއެވެ. މިއީ ބީބީސީން އާއްމުކޮށްފައިވާ ޗައިނާގެ ފުލުހުންގެ ޑޭޓާ ބޭސްއިން ލީކްކޮށްފައިވާ ބައެއް މައުލޫމާތުތަކެވެ.

ހެކުކޮށްގެން ހޯދާފައިވާ ފައިލްތަކުގެ ތެރޭގައި ފުލުހުން ނަގާފައިވާ 5،000 އަށްވުރެ ގިނަ އުއިގުރު ނަސްލުގެ ފޮޓޯ އެކުލެވެއެވެ. އެއިން 2،884 މީހުންނަކީ ހައްޔަރީންކަން ސާބިތުވެއެވެ. މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި ނުވާ ކަމަށް ޗައިނާއިން ބުނި ނަމަވެސް ހާމަވި މައުލޫމާތުން އެނގޭ ގޮތުގައި ތުނބުޅި ބެހެއްޓީ އަދި ގުރުއާން ކިޔަވާތީ ވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައި އެބަތިއްބެވެ.

ކޭމްޕްތަކުގައި މުސްލިމުންގެ އަތުން އަތުލާފައިވާ ބައެއް ތަކެތި. މީގެ ތެރޭގައި ނަމާދުކުރާއިރު އަޅާ މުސައްލަ އާއި ގުރުއާން ހަތިމު ވެސް ހިމެނޭ.

އދ ގެ ރިޕޯޓާއެކު ވެސް ޗައިނާއިން ކުރަނީ އިންކާރު

ޗައިނާ ސިފައިން ހައްޔަރުކޮށްފައިވާ މުސްލިމުންނަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދޭ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އދ.ގެ ފަރާތުން ކުރި ތަހުގީގުތަކަށް ފަހު މިދިޔަ އޯގަސްޓް މަހު 31 ވަނަ ދުވަހު އާންމުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ބައިމަދު މުސްލިމުންނާ ދެކޮޅަށް ހަރުކަށި ލާއިންސާނީ އަނިޔާތައް ދީފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހައްޔަރުކޮށްފައި ތިބި އުއިގުރޫ ދަރިކޮޅުގެ މުސްލިމުންނާއި އެހެން ދަރިކޮޅުތަކުގެ މުސްލިމުންނަށް، ލާއިންސާނީ އަނިޔާތައް ދޭ ކަމަށް ތުހުމަތުކޮށް އދ. އިން ކުރި ތަހުގީގަކީ ހުޅަނގުގެ ގައުމުތަކުން ރާވައިގެން ކުޅުނު ޑްރާމާއެއް ކަމަށް ޗައިނާ އިން ބުނެއެވެ. އެހެންކަމުން، އެ މައްސަލަ އދ. އިން ތަހުގީގު ކުރިޔަސް، އެ ތަހުގީގުގެ ރިޕޯޓް އާންމު ނުކުރުމަށް ޗައިނާ އިން ދިޔައީ ގޮވައިލަމުންނެވެ.

އދ.ގެ ޓީމަކުން މައްސަލަ ތަހުގީގު ކުރިތާ އެތައް މަހެއް ފަހުން، އާންމުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުން، ގައުމީ ސަލާމަތާ ބެހޭ ގާނޫނުތައް، ޗައިނާ ސަރުކާރުން ނަހަމަ ގޮތުގައި ބޭނުންކުރަމުން ދަނީ، މުސްލިމުންގެ ބައިމަދު ޖަމާއަތްތަކުގެ ހައްގުތައް ނިގުޅައިގަތުމަށެވެ. އަދި އެގޮތަށް ޗައިނާ ސަރުކާރުން އަމަލު ކުރުމުގެ ސަބަބުން، "ހިތު ހުރި ގޮތަކަށް މީހުން ހައްޔަރު ކުރުމުގެ" ސަގާފަތެއް އަށަގަންނަމުން އަންނަ ކަމަށް ވެސް އެ ރިޕޯޓްގައިވެއެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނާގެ އޮފީހުން ނެރުނު އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ޗައިނާ ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި މުސްލިމް ގައިދީންނާ މެދު ޖަލުތަކުގައި މުއާމަލާތު ކުރަމުން ދަނީ ވަރަށް ދަށު ދަރަޖައެއްގަ އެވެ. އަދި ބައެއް ގައިދީންނަށް ޖިންސީ އަނިޔާ އާއި މިންތީ ގޯނާތައް ކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ތުހުމަތުކޮށްފައިވެއެވެ. އަަދި އެމީހުން ވަގުތުން ދޫކޮށްލުމަށްވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އދ ގެ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން ނެރެފައިވާ ރިޕޯޓެއްގައި ވާގޮތުން މަސައްކަތުގެ މާހައުލުގެ ސިޔާސަތުތަކުގައި އިންތިހާ ދަރަޖައިގެ ތަފާތުކުރުންތައް އުއިގޫރް މުސްލިމުންނާއި ދެކޮޅަށް ޗައިނާއިން އަންނަނީ ގެންގުޅެމުންނެވެ. އެގޮތުން ގަދަކަމުން މަސައްކަތްކުރުވުމާއި، ގިނައިރުތަކެއް ވަންދެން މަސައްކަތްކުރުވުން ވަނީ ފާހަގަކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!