އަލަމްގިރިގެ މައްޗަށް އުފުލާފައިވާ 40 ސާޅީސް ދަޢުވާގެ ޝަރީޢަތް މާދަމާ ފަށަނީ

ރާއްޖޭގެ ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) ގެ މައްޗަށް އުުފުލާފައިވާ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދަޢުވާގެ ޝަރީޢަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން އަލަމްގިރިގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދަޢުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހެޅީ މި މަހުގެ 18 ވަނަ ދުވަހުއެވެ.
އެ ދަޢުވާތަކުގެ ޝަރީޢަތް ފަށާނީ މާދަމާ ހެނދުނު 10:00 ގައެވެ. ޝަރީޢަތް ކުރިއަށް ގެންދާނީ ސިއްރުކޮށްގެންނެވެ.
މީގެކުރިން އަލަމްގިރިގެ މައްޗަށް އުފުލީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ތިން ދަޢުވާއެވެ. އެ ދަޢުވާތަކަށް އޭނާ އިޢުތިރާފުވެފައިވާތީ, ކުށް ސާބިތުވާކަމަށް ކަނޑައަޅައި މިދިޔަ މަހުގެ 31 ގައި ކޯޓުން ޙުކުމް އިއްވީ ހަތް މަހާއި, ހަ ދުވަހަށް އޭނާ ޖަލަށްލުމަށެވެ.