ޕާކިސްތާނަށް ދިމާވި ޤުދުރަތީ ހާދިސާތަކުގެ ޒިންމާ އެހެން ޤައުމުތަކުން ނަގަން ޖެހޭނެ: ޝަރީފް
މޫސުމީ ވިއްސާރައާ ގުޅިގެން ޕާކިސްތާނުގެ ބޮޑު ސަރަޙައްދެއްގައި ފެން ބޮޑުވެ އެ ޤައުމަށް ކުރިމަތިލާން ޖެހުނު ފަދަ ކާރިސާއެއް އެހެން ޤައުމުތަކަށް ވެސް ކުރިމަތިވެދާނެ ކަމަށް ވިދާޅުވެ، އެ ޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ދުނިޔެއަށް އިންޒާރު ކުރައްވައިފިއެވެ. އ.ދ.ގެ ޢާންމު މަޖިލީހުގެ 77 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ޝަރީފް ވިދާޅުވީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރުތައް ދުނިޔޭގެ ހުރިހާ ޤައުމަކަށް ވެސް ކުރާނެ ކަމުގައެވެ.
އ.ދ.ގެ ޢާންމު މަޖިލީހުގައި ފުރަތަމަ ފަރަހަށް ތަޤުރީރު ކުރައްވަމުން ޝަރީފް ވިދާޅުވީ ޕާކިސްތާނަށް ކުރިމަތިވި ނުރައްކާތެރި ކާރިސާގައި އެ ޤައުމުގެ ރައްޔިތުންގެ ދިރިއުޅުން ވިއްސިވިހާލިވެގެން ގޮސްފައިވާ ކަމުގައެވެ. ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކުގެ އެންމެ އިންސައްތައެއް ވެސް ޕާކިސްތާނުން ހިއްސާ ނުކުރާ ކަން ފާހަގަ ކުރައްވައި ޝަރީފް ވަނީ މިއީ ކޮންފަދަ އިންސާފެއްތޯ ސުވާލު އުފައްދަވާފައެވެ.
"ދުނިޔެ ހޫނުވަނީ ޕާކިސްތާނު ރައްޔިތުންގެ އަމަލުތަކުގެ ސަބަބުންނޭ ބުނެވޭނެ ޖާގައެއް ނެތް. ނަމަވެސް، މޫސުމީ ކާރިސާތަކުގެ ޒިންމާ، އަދި ގެއްލުމުގެ އަގު އަދާކުރަން މި ފަހަރު ޖެހިފައި މި ވަނީ ޕާކިސްތާނުގެ ރައްޔިތުންނަށް. މޫސުމީ ކާރިސާތައް ކުރިމަތިވާއިރު ޤައުމުތަކުގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނޯންނާނެ. ވަކި ޤައުމެއްގެ ކާބަން ފުޓްޕްރިންޓްއަކަށް ނުބަލާނެ،" އިންޒާރު ކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.
ޕާކިސްތާނަށް ލިބުނު ގެއްލުމުގެ ޒިންމާގެ ބައެއް އެހެން ޤައުމުތަކުން އުފުލަން ޖެހޭނެ ކަމަށް ވިދާޅުވެ ޝަރީފް ވަނީ ވިލުންވެރިކަމާ އެކު އެ ޤައުމު އަލުން އަރާސްތު ކުރުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާފައެވެ. އަދި، ފަގީރު ޤައުމުތަކަށް އެހީތެރިވުމަކީ މުއްސަނދި ޤައުމުތަކުގެ ޒިންމާއެއް ކަމުގައި ދެކޭ ކަމުގައި އޭނާ ވިދާޅުވިއެވެ.
މޫސުމީ ވިއްސާރައިގައި ޕާކިސްތާނުގެ ތިންބައިކުޅަ އެއްބައިގައި އެއްކޮށް ފެންބޮޑުވިއެވެ. އެއީ، އިނގިރޭސި ވިލާތާ އެއްވަރުގެ ސަރަޙައްދެކެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1,600 އަށްވުރެ މައްޗަށް އަރާފައެވެ.
ފެންބޮޑުވުމާ ގުޅިގެން ގެދޮރަށް ގެއްލުން ލިބި، ހަތް މިލިޔަނަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. ގިނަ ބަޔަކު މިހާރު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައެވެ. ސާފު ބޯފެނާއި ކަރަންޓުގެ ޚިދުމަތް ވެސް ގިނަ ސަރަޙައްދުތަކުގައި ނެތެވެ.