އަބަދުވެސް ތިބެނީ ހަނގުރާމައަށް ތައްޔާރުވެގެން
އަސްކަރީ ކުރިމަތިލުމެއް ބޯމަތިވެދާނެ ކަމަށް ފިކުރު ހިންގައި ހަތިޔާރުއެޅި ފައުޖުތަކުގެ މެދުގައި އެ ވިސްނުން އޮންނަން ޖެހޭ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.
ޝީ ވިދާޅުވި ގޮތުގައި ބޯމަތިވަމުން އަންނަނީ ކޮންފަދަ ހާލަތެއް ކަމެއް ނޭނގެ އެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމަށް ކޮނޑުގައި އެޅިފައި އޮތް ޒިންމާ އިޚުލާސްތެރިކަމާއި އަދަބުވެރިކަމާ އެކު އުފުލުމަކީ ހުވައިކޮށްގެން ތިބި ކޮންމެ މީހަކަށް ވާޖިބެއް ކަމަށްވެސް ވިދާޅުވިއެވެ.
ދުރާލާ ވިސްނަން ޖެހެނީ މަޖުބޫރީ ހާލަތަކުން ނަމަވެސް ގެނުވަފާނެ ބަދަލުތަކުގައި ފޭލިނުވެ ކުރިއަށް ދިއުމަށް ކަމަށް ޝީ ވިދާޅުވިއެވެ.
ޝީ ވިދާޅުވި ގޮތުގައި މުހިއްމީ ހަނގުރާމައިގެ ނަމުގައި ބަޔަކަށް އަނިޔާވެރިވުމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ހާލަތު ބަދަލުކުރުމުގެ ފިކުރު ބަޔަކު އެބަ ގެންގުޅެއެވެ.
އެކަމުގެ ސަބަބުން ޗައިނާ އަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ހަތިޔާރު އުފުލުމަކީ ކުރަން ޖެހިދާނެ ކަމެއް ކަމަށް ފައުޖުތަކަށް އެނގެން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޝަން (ސީއެމްސީ)ގެ ވެރިންނާ ބައްދަލުކުރައްވައި ޝީ ޖިންޕިން މި މޭރުމުން ވާހަކަދެއްކެވި ސަބަބަކީ ޓައިވާންގެ ސަބަބުން ޗައިނާ އަށް ކުރިމަތި ވެދާނެ ނުރައްކަލަކަށް އަސްކަރިއްޔާ ހޭވަރިކުރުވުމެވެ.
އެމެރިކާއިން ގަބޫލުކޮށްފައި އޮތް "ވަން ޗައިނާ" ސިޔާސަތާ ޚިލާފަށް އެމެރިކާއިން މަސައްކަތް ކުރަނީ ޓައިވާންގެ އަސްކަރިއްޔާ ގާބިލުކުރުމަށެވެ.
ޓައިވާނަށް ހަތިޔާރު ސަޕްލައިކުރަނީ ޗައިނާ އިން ޓައިވާންއަށް އަރައިގަނެ ހިފައިފާނެތީ ކަމަށް އެމެރިކާ ބުނެ އެވެ. ޗައިނާ ދީފާނެ ކޮންމެ ފަދަ ހަމަލާއަކުން ދިފާއުވުމަށް އެމެރިކާއިން ދަނީ ޓައިވާނަށް އުނގަންނައި ދެމުންނެވެ.
ޗައިނާ ދެކޭ ގޮތުގައި ޓައިވާން އަކީ މިނިވަން ދައުލަތެއް ނޫނެވެ. އެއީ ވަކިން އޮންނަ ޗައިނާގެ އަވަށެވެ. އަދި ސުލްހަވެރި ގޮތުގައި ޗައިނާގެ މައި ސަރުކާރުގެ ދަށަށް ޓައިވާން ގެންދިއުމަކީ ޗައިނާގެ އޮތް ވިސްނުމެކެވެ.