ޚަބަރު ޝަރުޢީ ދާއިރާ

ނާޒިމަށް އިއްވި ޙުކުމް އިސްތިއުނާފުކުރުމާމެދު ޕީޖީން ގޮތެއް ނިންމަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ގ.ކެނެރީގޭ ނާޒިމް ޢަބްދުއްސައްތާރުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމާމެދު ވިސްނަމުންދާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.

Ads by Hajj Corporation

ނާޒިމްގެ މައްޗަށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށުގެ ދަޢުވާ އުފުލީ ޤާނޫނުލްޢުޤޫބާތުގެ ދަށުންނެވެ.

ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގައި ''ހުއްދަނޫން ޖިންސީ ގުޅުން" ކަމަށް ބުނެފައިވަނީ ޒިނޭކުރުން ނުވަތަ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމަށެވެ. މި ކުށް ދަރަޖަކޮށްފައިވަނީ ޖިންސީ ގުޅުން ހިންގި މީހުންނަކީ ކައިވެނިކޮށްގެން ތިބި ބައެއްތޯ ނުވަތަ ނޫންކަމުގެ މައްޗަށެވެ.

މީހަކާ އިނދެގެން ހުރެ ކުރި ކުށެއްނަމަ: އަސާާސީ އަދަބަކީ 09 މަހާއި 18 މަސްދުވަހުގެ ޖަލަށްލުން.

މީހަކާ ނީނދެ ހުރެ ކައިވެންޏެއްގެ މަތީ ހުރި މީހަކާއެކު ކުރި ކުށެއްނަމަ: އަސާާސީ އަދަބަކީ 04 މަހާއި 24 ދުވަހަށް ޖަލަށްލުން.

މީހަކާ ނީނދެ ހުރެ ކައިވެންޏެއްގެ މަތީގައި ނުވާ މީހަކާއެކު ކުރި ކުށެއްނަމަ: އަސާާސީ އަދަބަކީ 01 މަހާއި 06 ދުވަހުގެ ޖަލަށްލުން.

ޤާނޫނުލްޢުޤޫބާތުގައިވާ ގޮތުން އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިޢުތިރާފުވެއްޖެނަމަ އަސާސީ އަދަބުގެ އެއް ދަރަޖަ ދަށްވާނެއެވެ. ނާޒިމް ކުށަށް އިޢުތިރާފުވެފައިވާތީ ދައުލަތުން އެދުނީ އަސާސީ އަދަބުން އެއް ދަރަޖަ އުނިކުރުމުން އަންނަ 07 މަހާއި, 06 ދުވަހުގެ ޖަލު ޙުކުމް އިއްވައި ދިނުމަށެވެ.

ނާޒިމް ކުށަށް ޢިއުތިރާފުވެފައިވާތީއާއި, އެފަދަ ކުށެއް ނުކުރާނެކަމަށް ބުނެ ތައުބާވުމުންނާއި, އެކަމަށް މާފަށް އެދުމުން އަދަބު ލުއިކޮށް ކޯޓުން ކަނޑައެޅީ އެއް މަހާއި 28 ދުވަހުގެ ޖަލު ޙުކުމެކެވެ. އެއީ ތަޙްޤީޤުގައި ބަންދުގައި ހުރި 14 ދުވަސް އުނިކުރުމުން އައިވަރެވެ.

އެ ޙުކުމް ގޭ ބަންދުގެ ޙުކުމަށް ބަދަލުކުރަން އެދިފައިވާ އެދުމަށް ރިޢާޔަތްކުރައްވައި މި މަހުގެ 15 ގައި ކޯޓުން ޙުކުމް އިއްވީ 03 މަހާއި 26 ދުވަހަށް ނާޒިމް ގޭ ބަންދު ކުރާށެވެ.

ޕީޖީ ޙުސައިން ޝަމީމް އިއްޔެ އޭނާގެ ބްލޮގްގައި ޢާންމުކުރެއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ, ޤާނޫނުލްޢުޤޫބާތުގެ 1106 ވަނަ މާއްދާގައި އޮތީ ކުށްވެރިޔާ ކުށާމެދު ދެރަވާކަން ޢާންމުންގެ ތެރޭގައި ފާޅުކުރުމުން އަދަބުގެ ދަރަޖަ ދަށްވާނެ ވާހަކަ ކަމަށެވެ. އެއީ ދައުވާކުރުމުގެ ކުރިންނަމަ ދެ ދަރަޖަ އަދި ދައުވާ ކުރި ފަހުންނަމަ އެއް ދަރަޖަ ކަމަށެވެ.

''ކުށް ސާބިތުވާކަމަށް ކަނޑައެޅި ނަމަވެސް އަދަބު ދިނުމުގައި އިސްވެދެންނެވި އުޞޫލާ ޚިލާފުނަމަ އެނުކުތާ ވަކިން އިސްތިއުނާފު ކުރަން ޖެހެއެވެ.''

ނާޒިމް މަޢާފަށް އެދި ބަޔާނެއް ނެރުނީ ޙުކުމް ކުރުމުގެ މަޖިލިސް ބޭއްވި ދުވަހު އެ މަޖިލިސް ފެށެން ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. އެ ބަޔާނުގައި ވަނީ ކުރެވުނު ކުށާމެދު ހިތާމަކޮށް ތައުބާވާ ކަމަށެވެ.

''އަޅުގަނޑު އެދެނީ މި ކުށަށް ތައުބާވެ ރައްޔިތުންގެ އަރިހުން މާފެވެ.''

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު މިއަދު ވިދާޅުވީ އިއްވި ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމާމެދު ވިސްނަމުންދާ ކަމަށާއި, އެ ގޮތުން އެކަން ދިރާސާ ކުރަމުންދާ ކަމަށެވެ.

އަލަމްގިރި އާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި, ފުލުސް އޮފިސަރު ޢަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) ގެ މައްޗަށް ވެސް ޤާނޫނުލްޢުޤޫބާތުގެ ދަށުން އުފުލީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

ދަޢުވާއަށް އިޢުތިރާފުވެފައިވާތީ ކްރިމިނަލް ކޯޓުން ޙުކުމްކުރީ 01 އަހަރާއި 02 މަހާއި 12 ދުވަހަށް ރަފީޢު ޖަލަށްލުމަށެވެ. ނަމަވެސް ދައުލަތުން އެދުނީ 07 މަހާއި 06 ދުވަހުގެ ޖަލު ޙުކުމަކަށެވެ.

އެކަމަކު ގާޒީއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ޙުކުމްކުރެއްވީ އަދަބުގެ ދެ ދަރަޖަ މަތިކޮށް ކަމަށްވާތީ, އެ ނިންމުން އިސްތިއުނާފު ކުރަން ވެސް ދައުލަތުން ވަނީ ނިންމާފައެވެ.

ޝަފީޢު ވިދާޅުވީ ނާޒިމްގެ މައްސަލައާއި ފުލުސް އޮފިސަރުގެ މައްސަލަ އެއް ދުވަހެއްގައި ހުށަހަޅުއްވަން ވިސްނަވަމުން ގެންދަވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!