ހެއްކާ ބެހޭ ޤާނޫނު އިސްލާޙް ކުރަން މަޖިލީހަށް
މަސްދަރު ހާމަކުރަން ލާޒިރު ކުރާތީ، ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ހެއްކާ ބެހޭ އިސްލާހުކުރުމަށް މި ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
މިދިޔަ ޖުލައި މަހު ތަސްދީގު ކުރި މި ގާނޫނަށް އަދި އަމަލުކުރަން ނުފަށައެވެ. ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މި ގާނޫނަށް އިސްލާހު ގެންނަން ޖެހުނީ ނޫސްވެރިންގެ ކަންބޮޑުވުންތަކާ ހެދިއެވެ. މިދިޔަ ޖުލައި މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި ގާނޫނަށް ގެންނަ ފުރަތަމަ އިސްލާހުގައި ވަނީ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރަންޖެހޭ، ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތައް ބުނެދީފައި ކަމަށް އެޓަނީ ޖެނެރަލްގެ އޮފީހުން މިއަދު ބުންޏެވެ.
އޭޖީ އޮފީހުން މިއަދު ބުނީ ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކަކީ ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާނީ ފުރާނަ އަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތަކެއް އެކުލެވޭ ކުށްތައް ކަމަށެވެ. ޓެރަރިޒަމްގެ ކުށްތަކަކީ، ޓެރަރިޒަމްގެ ގާނޫނުގެ ދެ ވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ހެއްކާ ބެހޭ ގާނޫނުގައި ކަނޑައެޅުމާއި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމު ކުރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށާއި އެފަދަ ނިންމުމެއް ނިންމާނީ ހައި ކޯޓުން ކުރާ އަމުރެއްގެ ދަށުން ކަމަށް ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.