ޚަބަރު

ޑިމޮކްރަސީން ޒުވާނުންނަށް ދަސްވާ އެންމެމުހިންމު ކަމަކީ އަޑު އުފުލުން: މިނިސްޓަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މޮކްރަސީން ޒުވާނުންނަށް ދަސްވާ އެންމެމުހިންމު އެއްކަމަކީ އަޑު އުފުލުމަށް ބާރުއެޅުންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

ޔުނެސްކޯއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ޔޫތު އޭޒް ރިސާރޗާސް އިން ސްރީލަންކާ އެންޑް ދަ މޯލްޑިވްސް"ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ %45އަކީ ޒުވާނުންކަމަށާ އިޖްތިމާޢީ އަދި އިގްތިސާދީ ތަރައްގީގައި ޝާމިލުވުމުގެ ފުރުސަތު ޒުވާނުންނަށް ލިބޭނެ ގޮތްތަކެއް އިސްނެގުމާއެކު ހޯދުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއްކަމަށެވެ. އަދި ރިސާޗުގެ ސަބަބުން ޒުވާނުން ކަންކަމުގައި އިސްނަގައި ޝާމިލުވުމުގެ ގޮތްތަކެއް ހޯދޭނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ޒުވާނުންނަށް ސިޔާސަތުތަކާއި ޑިމޮކްރަސީއާއި ބެހޭގޮތުން ދަސްކުރެވޭނެ އެންމެމުހިންމު ކަމަކީ އަޑުއުފުލުމަށް ހިތްވަރު ދިނުމާއި ނިންމުންތައް ނިންމުމުމަށް ފުރުސަތު ލިބުމާއި އަދި ނުފޫޒު ފޯރުވުމަށް ފުރުސަތު ލިބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޒުވާން ދިރާސާވެރިންނަށް ވުމަކީ އެމަނިކުފާނު ގަބޫލުކުރައްވާގޮތުގައި އެކަމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށެވެ.

‎2020ވަނަ އަހަރު ޝާއިއުކުރި އައިއެލްއޯގެ "ޔޫތު އެންޑް ކޯވިޑް-19: އިމްޕެކްޓްސް އޮން ޖޮބްސް، އެޑިއުކޭޝަން، ރައިޓްސް އެންޑް މެންޓަލް ވެލްބީން" ރިޕޯޓުން އެތަކެއް ފިލާވަޅެއް ލިބިގެން ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ރިޕޯޓަށް އަލިއަޅުއްވާލައްވައި މިނިސްޓަރ ވިދާޅުވީ ކޯވިޑް-19 ގައި އެކަހެރި ވެގެންދިޔަ ޒުވާނުންނަށް ނަފްސާނީ އަސަރުކުރުވި ކަން އެ ރިޕޯޓުން ފާހަގަވި ކަމަށާއި އެހެންކަމުން ކޯވިޑް-19ގެ ދުވަސްވަރު އެމީހުންނަށް ކުރިމަތިވި މައްސަލަތައް އަޑުއުފުލުމުގެ އިތުރުން ބަލިމަޑުކަމަށްފަހު ކުރިމަތިވި ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު މި ރިސާޗުން ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމަކީ، އެކަހެރިވެގެން ދިޔަ ޒުވާނުންނަށް، ނުވަތަ ސްކޫލް ބަންދުކޮށް، މޮބިލިޓީއާއި ވަޒީފާ ގެއްލިގެން ދާން ޖެހުނު ޒުވާނުންނަށް ކުރިމަތިވާ ނަފްސާނީ އަސަރުތައް. އަޅުގަނޑުމެން އެބޭފުޅުންނާ މަޝްވަރާކުރަންޖެހޭ، އަޅުގަނޑުމެންނަށް ރަނގަޅަށް ބިލްޑް ބެކް ކުރުމަށް ކުރާ މަސައްކަތުގައި. ޒުވާނުންގެ ޚިޔާލު ފާޅުކޮށްގެން ހުރިހާ ފެންވަރެއްގައި ނިންމުންތައް ނިންމުމުގައި އެމީހުންނަށް ކުރިމަތިވި މައްސަލަތައް އަޑުއުފުލުމުގެ އިތުރުން ބަލިމަޑުކަމަށްފަހު ކުރިމަތިވި ތަޖުރިބާތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޒުވާނުންނަކީ ކެތްތެރި، ދަތިތަކާއި ކުރިމަތިލާންކެރޭ އަދި ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގައި ގާބިލުކަން ބޭނުންކުރަން ދަންނަ ބަޔަކަށް ވާންޖެހޭ ކަމަށް އެ ރިޕޯޓުން ފާހަގަވި ކަމަށެވެ. އެހެންކަމުން ސިޔާސަތުތައް އެކުލަވާލާ، ތަންފީޒުކުރާ ގޮތާއި ޒުވާނުންނަށް އަސަރުކުރާނެ ސިޔާސަތުތަކުގައި އަޑު އުފުލުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް އެމަނކިކުފާނު ވިދާޅުވިއެވެ.

އިޖުތިމާޢީ ދިރާސާތަކާއި ސިޔާސަތުގެ މަޝްވަރާތަކުގެ ތެރެއިން އަމިއްލަ މުސްތަޤްބަލް އަލުން ފަރުމާކުރުމުގައި ބައިވެރިވުމަކީ ހަމައެކަނި ޤައުމަށް ފައިދާހުރި ކަމެއް ނޫންކަމަށާ، ފަރުދުންނާއި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ކުރިއަރައި ދިއުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުޖުތަމަޢުގައި ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދެކެވި ޒުވާން ދިރާސާވެރިންގެ ވިސްނުންތަކުގެ ސަބަބުން ހެޔޮ އަދި މާނަހުރި ބަދަލެއް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

ނިންމުންތައް ނިންމުމުގައި ޒުވާން ދިރާސާވެރިން ބައިވެރި ކުރުމުގެ ސަބަބުން ޒުވާނުންނަށް ފައިދާ ކުރާނެކަމަށާ، އެކަމަށްޓަކައި ޔުނެސްކޯއާއި ޕީއާރުއައިއޭއަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!