ޚަބަރު

"އިންޑިއާ އައުޓް" އޮތީ ހިތުގައި ބިންވަޅު ނެގިފައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިންޑިއާ އައުޓް ކެންޕެއިންގެ ތެރެއިން

"އިންޑިއާ އައުޓް" އޮތީ ހިތުގައި ބިންވަޅު ނެގިފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ޔާމީން އިސްވެ ހުންނަވައި ފަށާފައިވާ ހަރަކާތެކެވެ. ނަމަވެސް މި ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާފައެވެ.

މިރޭ ދ.ކުޑަހުވަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރިއްޔާ ތިބެގެން ނުވާނެ ކަމަށާއި އެއީ އެއީ އެމަނިކުފާނު ތާއީދުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ގެކޮޅުގައި ދެމި އިންޑިއާ އައުޓް ބެނާ ނެގިޔަސް ހިތުގައި ބިންވަޅު ނެގިފައިވާ ކަންކަން ނުގެންދެވޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުގެ ގޭގައި އިންޑިއާ އައުޓް ޖަހާފައި ހުރި ބެނާ ނެގީމަ އަޅުގަނޑު ހިތުގައި ބިންވަޅު ނަގާފައި އޮތް އިންޑިއާ އައުޓް އެ ގެންދެވުނީތޯ. ނުގެންދެވޭ ދެއްތޯ." ޔާމީން ވިދާޅުވިއެވެ.

އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފައިބަންޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ޔާމީން ތަކުރާރު ކުރެއްވި އެވެ. އަދި ގަރާރުތައް ނެރުނަސް ދިވެހި ގައުމު ދެކެ އޮންނަ ލޯތްބަކަށް ދެވަނަ ދަރަޖަ ދެވޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ޔާމީން ވިދާޅުވި އވެ.

"އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ތިބުމަކީ އަޅުގަނޑުމެން ނަފްރަތު ކުރާ ކަމެއް. އެއީ އަޅުގަނޑު ހުއްދަ ދޭނެ ކަމެއް ނޫން، ޖާގަ ދޭން ބޭނުންވާ ކަމެއް ނޫން. އެހެންވީމަ މިރޭ ވެސް އަޅުގަނޑު ގޮވާލަނީ އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ބޭރުވާން. އިންޑިއާ ޖެހެނީ އައުޓް ވާން." ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު އެ ހަރަކާތް އިތުރަށް ވަރުގަދަކުރި އެވެ. ނަމަވެސް ރައީސް ނެރުއްވި ގަރާރާއެކު އެ ހަރަކާތް މިވަގުތު އޮތީ ހުއްޓިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!