ޕާކިސްތާނުގެ ރޭލްވޭ ސިސްޓަމަށް ބުރުއެރުމެއް

ޕާކިސްތާނުގައި ތެލުގެ ދަތިކަން އިތުރަށް ގޯސްވުމުގެ ސަބަބުން ޕާކިސްތާން ރޭލްވޭސް (ޕީއާރު)ގެ ހިދުމަތްތަކަށް ބުރޫއަރާ, ރޭލު ދަތުރުތައް ހުއްޓުމަކަށް އައިސްފިއެވެ.
ޕީއާ އިން ޕާކިސްތާންގެ މީޑިއާތަކަށް ބުނެފައިވަނީ ދަތުރުތައް ހުއްޓާލަން ޖެހިފައިވަނީ މައިގަނޑު ގޮތެއްގައި ތެޔޮ ނުލިބޭތީ ކަމަށާއި ތެޔޮ ލިބުމުގެ ދަތިކަން ވަރަށް ބޮޑުވެފައިވާ ކަމަށެވެ. މިގޮތުން ތެޔޮ ގަންނަން ބޭރު ފައިސާ ނެތުމާއި، ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާއެކު ވަރަށް ބޮޑަށް މިމައްސަލަ ދިމާވެފައިވާކަން އެ އިދާރާއިން ފާހަގަ ކުރިއެވެ.
ޕީއާރު އިން ދަނީ އަމިއްލަ ފަރާތްތަކުން ޑީސަލް ގަންނަމުންނެވެ. އަދި ދަތުރުތައް ކޮންމެވެސް ވަރަކަށް ބޭއްވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
ޕީއާރު އިން ބުނީ އާމްދަނީ މަދުވުމުގެ ސަބަބުން ތެލުގެ ދަތިކަން ދިގުދެމިގެންދާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އޭގެ އިތުރުން، ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން ރޭލު ދުވާ ބައެއް މަގުތައް ހަލާކުވެފައި ހުރުމުން ވެސް ބައެއް ދަތުރުތައް ކެންސަލް ކުރަން ޖެހިފައިވާ ކަމަށް ޕީއާރުއިން ބުންޏެވެ.