ބޯޓު އަޑިއަށް ގޮސް ކަނޑުވި މީހާ ފަރުވާއަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި

އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން އަޑިއަށްދިޔަ ބޯޓުން ގެއްލިގެން ހޯދަމުންދިޔަ މީހާ ހޯދުމަށްފަހު އެ ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައިވަނީ 59 އަހަރުގެ ބިދޭސީއެއް ކަމަށެވެ.
އަޑިއަށްދިޔަ ބޯޓަކީ މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓެކެވެ. އެ ބޯޓުގައި ތިބީ ޖުމްލަ ހަތް ފަޅުވެރިންނެވެ.
ބާކީ ތިބި ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް ސަލާމަތް ކޮށްފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "އެމްވީ ބަރަދުވާޖް" ނަމަކަށް ކިޔާ ބޯޓަކުންނެވެ.