ރާއްޖެއަކީ އިންޑިއާއަށް އެންމެ މުހިންމު އެއް ޤައުމު: ފޮރިން ސެކްރެޓަރީ ވިނޭ

ރާއްޖެއަކީ އިންޑިއާއަށް އެންމެ މުހިންމު އެއް ޤައުމުކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާ ވިދާޅުވެއްޖެއެވެ.
ވިނޭ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.
މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައި ކޮވިޑް-19 މެނޭޖުކޮށް, އިގުތިސާދީ ހާލަތު ކުރިއެކޭ އެއް ހަމައަކަށް އިޢާދަކުރުމުން ރާއްޖެ ވަނީ އެހެން ޤައުމުތަކަށް ނަމޫނާ ޤައުމަކަށް ވެފައި ކަމަށެވެ.
އަދި ރާއްޖެއަކީ އިންޑިއާއަށް އެންމެ މުހިންމު އެއް ސަރަހައްދީ ބައިވެރިޔާކަމުގައި ފާހަގަކުރައްވައި ވިނޭ ވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމުގައި އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ވިނޭއަށް މަރުހަބާ ދަންނަވައިފައެވެ. އަދި ޑިޕްލޮމަސީގެ ދާއިރާއިން ވިނޭ ކުރައްވާފައިވާ ގިނަ ގުނަ ޚިދުމަތްތައް ފާހަގަކުރައްވައި ތަޢުރީފު ވެސް ކުރެއްވިއެވެ.
މީގެއިތުރުން ރައީސް ޞާލިޙް ވަނީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެއް ބައިވެރިޔާކަން އެކި ފަހަރުމަތިން ސާބިތުކޮށްދީފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ ރާއްޖެ ވަޑައިގަތީ އިއްޔެގައެވެ. ތިން ދުވަހުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ލަޠީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.