ޚަބަރު ޝަރުޢީ ދާއިރާ

ހުނޫ ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލުމުގައި ގޯހެއް ނެތް: ހައި ކޯޓު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ދަޢުވާ އުފުލާފައިވަނިކޮށް ދޫކޮށްލާފައިވާ ފިލްމީ ތަރި ހުނައިސާ އާދަމް (ހުނޫ) ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލަން ނިންމުމުގައި ގޯހެއް ނެތްކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

Ads by Sosun Fihaara

ހުނޫއާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި, ހުނޫގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއާއި, ކެނަބިސް ޓްރެފިކް ކުރުމުގެ ދަޢުވާއާއި, މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލު 01 ގައިވާ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދަޢުވާ އުފުލީ މިދިޔަ މާޗުމަހުގެ 28 ގައެވެ.

ހުނޫ ބަންދުން ދޫކޮށްލަން އަމުރުކުރީ ކްރިމިނަލް ކޯޓުގައި މިދިޔަ ޖުލައިމަހުގެ 25 ވަނަ ދުވަހު ބޭއްވި ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމުގައެވެ. އެ ނިންމުން މިދިޔަ އޮގަސްޓުމަހު ހައިކޯޓުން ބާތިލުކުރިއެވެ. އަދި ބަންދާމެދު އަލުން ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އަމުރުކުރިއެވެ.

ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމިއިރު ވެސް ކްރިމިނަލް ކޯޓުން ނިންމީ ހުނޫ ދޫކޮށްލާށެވެ.

ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ހުނޫ ބަންދުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް, ފަނޑިޔާރުގެ އިޚްތިޔާރުގެ ބާރުގެ ތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އިޚްތިޔާރު ބޭނުންކުރި ގޮތުގެ މައްޗަށް އިސްތިއުނާފީ ކޯޓުތަކަށް ވަދެ ބަސް ބުނެވޭނީ އިސްތިސްނާ ހާލަތްތަކެއްގައިކަމަށް ސްޕްރީމް ކޯޓުން ކުރިން ނިންމާފައިވާއިރު ހުނޫގެ މައްސަލައިގައި އެފަދަ ހާލަތެއް އޮތްކަން ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ. އެހެންކަމުން ހުނޫ ދޫކޮށްލުމުގައި ގޯހެއް ނެތް ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!