ޚަބަރު ޝަރުޢީ ދާއިރާ

އޭތިމީތިން ދެ ކުއްޖަކަށް އަނިޔާކުރިކަމަށް ބުނާ އަންހެނެއްގެ މައްޗަށް ކުށް ސާބިތެއްނުވި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ދެ ކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި އަންހެނެއްގެ މައްޗަށް އުފުލި ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމްކޮށްފިއެވެ.

Ads by Hajj Corporation

ދެ ކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާ އުފުލީ ހއ.ވަށަފަރު/މަލަ, އާމިނަތު ޝުޢައިބާގެ މައްޗަށެވެ.

ދަޢުވާގައި ވާ ގޮތުން 2019 ވަނަ އަހަރުގައި އެކި ދުވަސްމަތިން ޝުއައިބާ ވަނީ ދެ ކުއްޖެއްގެ ގައިގާ އަތުންނާއި، އަންނައުނު އަޅުވާ ކޮނޑުންނާއި، އަރައިގެން ހުންނަ ފައިވާނުން ޖަހައި އަނިޔާކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި އިއްޔެ ބުނެފައިވަނީ ޝުޢައިބާގެ މައްޗަށް އުފުލި ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ޤަރީނާއިން, މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީޢަތަށް ހެކި ޤަރީނާ ލިބިފައިނުވާތީ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކުރެވިފައިވާ ކަމަށެވެ.

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ވެބްސައިޓަށް އަޕްލޯޑް ކުރެވިފައި ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!