ޚަބަރު ރައްޔިތުންގެ މަޖިލިސް

ބައި އިލެކްޝަންތަކަށް ހޭދަވާ ޚަރަދު ނަޝީދަކަށް ބޮޑެއް ނޫން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ލޯކަލް ކައުންސިލުތަކުގެ ބައި އިލެކްޝަންތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ގިނައެއް ނޫންކަމަށާއި އެ އިންތިޚާބުތައް ބާއްވާވަރު މަދުކުރަން ތާއީދުނުކުރައްވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

Ads by Hajj Corporation

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ގިނައިން ބާއްވަން ޖެހުމުގެ ސަބަބުން ބޮޑު ޚަރަދެއް ހިނގާކަމުގެ ޝަކުވާ އިލެކްޝަން ކޮމިޝަނުން ވެސް ވަނީ ކޮށްފައެވެ.

އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ބައި އިލެކްޝަންތަކަކީ ރައްޔިތުން ޑިމޮކްރަސީއަށް އަހުލުވެރި ކުރުވަން ހިންގާ ހަަރަކާތެއް ކަމަށެވެ. ހަމައެއާއެކީގައި ސިޔާސީ ޕާޓީތަކުގެ މަގުބޫލުކަން ހުރި މިންވަރާއި, ވެރިކަން ކުރަމުންދާ ޕާޓީގެ މަގުބޫލުކަމާއި, ވާދަވެރިންގެ މަގުބޫލުކަން ހުރި މިންވަރު ދޭތެރެދޭތެރެއިން އެބަ ސާފުވާ ކަމަށެވެ.

''އެހެންނޫނިއްޔާ އޮތްހާ ވެސް ހަމައެކަނި ގޮތަކީ ތިމަންނާއަކީ އެންމެ ގިނަ މީހުން ރުހޭ މީހާއޭ އަމިއްލައަށް ވިދާޅުވަމުން އަޅުގަނޑުމެން ކޮންމެ މީހަކު ހިނގަމުން ދިއުން. އިންތިޚާބެއް ނިންމާލީމާ އެބަ އެނގޭ ތިމަންނާގެ އޮތީ %40 ކަން ނުވަތަ %30 ކަން. މި ދެންނެވިހެން އިންތިޚާބެއް ބޭއްވުމަށް ޚަރަދު ވަނީ 160,000 ރުފިޔާ. އެއީ ހޮނިހިރު ދުވަހެއްގައި އަޅުގަނޑުމެންގެ ރަށެއްގައި ހިނގާ ވަރަށް ރީތި ޑިމޮކްރަސީ ހަރަކާތެއް. އަދި ރަށުގެ ހުރިހާ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ކަމެއް.''

ނަޝީދު ވިދާޅުވީ ބައި އިލެކްޝަންތައް މަދުކުރަން ބޭނުންވަނީ
އިންތިޚާބުތަކުގައި ކެމްޕޭނު ކުރުމަށް ދަތިވާތީ ކަމަށެވެ.

އިންތިޚާބުތަކަށް ދާ ޚަރަދު ބޮޑު ނޫންކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ޑަބްލިޔުޑީސީ އިންތިޚާބަކަށް ދަނީ 160,000 ރުފިޔާ ކަމަށާއި, އެއީ ގާތްގަނޑަކަށް މަޖިލީހުގެ ސައިގެ ޚަރަދު ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!