ފާފައަކަށް އަރައިގަނެވޭ މީހާ ފަޟީހަތް ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން: ޚުތުބާ
ފާފައަކަށް އަރައިގަނެވޭ މީހާ ފަޟީހަތް ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫން ކަމަށާއި މީހަކަށް މުންކަރާތަކަށް އަރައިގަނެވިއްޖެ ނަމަ އޮތީ އެމީހަކަށް ނަސޭހަތްތެރިވުން ކަމަށް ހުކުރު ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ތިމާގެ އަޚާ ފަޟީހަތް ކުރުމުން ދުރުހެލިވުން" މިއެވެ.
ﷲ ގެ އަޅުތަކުން ފަޟީހަތް ނުކޮށް، އެމީހުންގެ ނުބައި އަމަލުތައް ވަންހަނާކޮށްދޭ މީހަކީ، ﷲ ދެކެ ބިރުގަންނަ، އާހިރަތް ދުވަހުގެ ރައްކާތެރިކަމަށް އެދޭ މީހާ ކަމަށާއި މިސްމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ހަބަރުތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް ފަތުރުގެ ކުރިން މުސްލިމުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމަށް ޙުތުބާގައި ބުނެފައިވެއެވެ.
އަދި އަތުގައި އޮންނަ މޯބައިލް ފޯނުގެ ޒަރީއާއިން، މީހުންނަށް ނޭނގޭގޮތަށް، ތަންތަނާއި، މަންޒަރުތަކާއި އަޑުރައް ރެކޯޑްކޮށް، އެ ސިއްރުތައް އާއްމުކޮށްލާ ހިނދު، އެފަދަ ކަންކަން ކުރާ ކޮންމެ މީހަކުވެސް ދީނުގައި އައިސްފައިވާ ވަޢީދުތަކާ މެދު ވިސްނައިލަން ޖެހޭ ކަމަށްވެސް ޙުތުބާގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ފާފަތައް ފޮރުވައި ވަންހަނާ ކުރަންޖެހެނީ އޭގެ ސަބަބުން މީހުންގެ ސިއްރުތައް ހާމަވެ ފަޟީހަތްވެގެން ދާނެތީ ކަމަށާއި އިޚްލާސްތެރިކަމާއެކި ތައުބާވުމުން އެކަންކަން ހެޔޮ ކަންކަމަށް ބަދަލުކުރައްވާނެ ކަމަށް ޙުތުބާގައި ބުނެފައިވެއެވެ. އަދި މީހަކަށް މުންކަރާތަކަށް އަރައިގަނެވިއްޖެނަމަ އޮތީ އޭނާއަށް ނަސޭހަތް ދިނުން ކަމަށާއި އޭނާގެ އަތުގައި ހިފައި ފާފަތަކުން އެއްކިބާވެ ހެޔޮމަގަށް ރުޖޫއަވުމަށް ބާރުއަޅައި ހިތްވަރު ދިނުން ކަމަށެވެ.
“ނަމަވެސް ފާޅުކަން ބޮޑު ގޮތެއްގައި، ވަކިން ހާއްސަކޮށް ހައްދު ކަނޑައެޅިފައިވާ ފާފަތަކުން އަރައިގަންނަ ފަރާތްތަކުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅި ކޮށއ ސާބިތުވެއްޖެނަމަ، ޝަރްޢީ ގޮތުން ކަނޑައަޅާފައިވާ ހައްގު އަދަބު ދޭންޖެހެއެވެ. އެއީ ވަލިއްޔުލް އަމްރުގެ ޒިއްމާއެކެވެ. ކުށްފާފަތަކުން ތައުބާވެ އިސްލާހުވުމުގެ މަގު އިސްލާމްދީނުގައި ފަހިކޮށްދެއްވާފައި ވާއިރު، އެއިން ތައުބާވެ ފާފަ ފުއްސެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ” ޚުތުބާގައި އިތުރަށް ބުނެފައިވެއެވެ.