ޚަބަރު ޝަރުޢީ ދާއިރާ

އަމީނީ މަގުން ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ ޢަމުރެއް ނުދިން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ތިމާވެށީގެ ބައްޕަކަމަށް ދެކެވަޑައިގަންނަވާ ރައީސް ނަޝީދު. ފޮޓޯ: އަދަދު

އަމީނީމަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެ މަގުގައި ހުރި ގަސްތައް ނަގާތީ އެކަން ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ގަސްތައް ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ ޢަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް އެ ކޯޓުން ނިންމައިފިއެވެ.

ގަސްތައް ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ ޢަމުރަކަށް އެދި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. ނަޝީދުގެ ފަރާތްޕުޅުން އެ މައްސަލަ ހުށަހެޅުއްވީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ.

އެ މައްސަލައިގެ ދަޢުވާ ފޯމުގައިވާ ގޮތުން އަމީނީމަގު ހެދުމުގެ އީއައިއޭ ރިޕޯޓުގައި ވަނީ ތާރު އެޅުމުގެ ބަދަލުގައި ގާ އަޅައިގެން މަސައްކަތް ކުރަން ލަފާ ދީފައެވެ. އަދި ގާ އަޅައިގެން މަަސައްކަތް ކުރާނަމަ, ގަސް ނުކަނޑައި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށާއި, މަޝްރޫޢުގެ އީއައިއޭ ރިޕޯޓު ފުރިހަމައެއް ނޫން ކަމަށާއި, ގަސްތައް ކެނޑުމުން ވައި ނުސާފުވެ, މޫސުމަށް ބަދަލު އަންނާނެކަމަށް ލަފާކުރެވޭ މިންވަރު އަދި ގެއްލުން ކުޑަ ކުރެވޭނެ ނިސްބަތާއި މީހުންގެ ސިއްހަތަށް ގެއްލުންވާނެ ގޮތްތައް ދިރާސާކޮށްފައި ވެސް ނުވާ ކަމަށް ބުނެފައިވެއެވެ.

މި މަޝްރޫޢު ކުރިއަށްގެންދާ އާރްޑީސީން ބުނެފައިވަނީ އެފަދަ ޢަމުރެއް ނެރެފިނަމަ އެ ކުންފުންޏަށް މާލީ ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ބުނީ ވަގުތީ ޢަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ޙައްޤެއް އަދި ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ގާއިމުވެފައިނުވާ ކަމަށެވެ. އަދި ވަގުތީ ޢަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫއީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ އިއާދަ ނުކުރެވޭފަދަ ގެއްލުމަކާއި ކުރިމަތިލާންޖެހޭކަން އެނގެން ނެތް ކަމަށެވެ. އަދި ވަގުތީ ޢަމުރަށް އެދޭ ފަރާތަކީ މި ޢަމުރަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިފައިވާ ފަރާތެއް ނޫން ކަމަށެވެ.

އެހެންކަމުން ޕްލޭނިންގ މިނިސްޓްރީއާއި އާރްޑީސީގެ މައްޗަށް ރައްދުވާ ގޮތަށް ނަޝީދުގެ ފަރާތުން ނެރެދިނުމަށް އެދިވަޑައިގެންފައިވާ ވަގުތީ ޢަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާކަމަށް ސިވިލް ކޯޓުން ވަނީ ބުނެފައެވެ.

Ads by Ooredoo
  1. ހުރިހާކަމަކަން ތިމާގެބާރުހިންގަންޖެހޭތަ

  2. ބަލަ ގަސްތަށް މުސްކުޅިވެ މަރުވީމާ އާގަސް އިންދާންވީމާ މުސްކުޅި ގަސްތަށް ނަގާ ސާފުކުރަންޖެހޭނެ ! އެގޮތުން ކުރާ މަސައްކަތް ހުއްޓުވަން ވަގުތީ އަމުރު ދޭތޯ !

  3. ކެނޭ

    ކެނެރީގޭ ލިވާތުކުޅި ހުއްޓުވަން ވަގުތީ އަމުރަކަށް އެދިބަލަ!