ދަތުރުފުޅު ނިންމައިލެއްވީ ސަރުކާރަށް ރ.އަތޮޅަށް ކަމެއް ކޮށްދެވިފައިނުވާ ކަމުގެ އިހްސާސާއެކު

ނައިބު ރައީސް ފައިސަލް ނަސީމް ރ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވައި ލެއްވުމަަށްފަހު މިއަދު މެންދުރުފަހު މާލެ ވަޑައިގެންފިއެވެ.
ނައިބު ރައީސް ރ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އިނގުރައިދުއާއި, އިންނަމާދުއާއި, މާކުރަތާއި, ދުވާފަރަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލުތަކާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލު ކުރައްވައި, ރަށުގެ ހާލަތު އޮޅުން ފިލުއްވިއެވެ.
އެ ރަށްތަކުގެ ކަންބޮޑުވުންތައް އަޑު އެއްސެވުމުން, އެ މަނިކުފާނަށް އިހްސާސް ކުރެއްވުނީ މި ސަރުކާރަށް ރ.އަތޮޅަށް އެދެވޭ ތަރައްޤީއެއް ގެނެސް ދެއްވިފައިނުވާ ކަމަށާއި, އެ ރަށްތަކުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވިފައިނުވާ ކަމަށެވެ.
ނަމަވެސް އެ މަނިކުފާނު އެ ރަށްރަށުން ފާހަގަކުރި ކަންކަން ހައްލު ކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި އެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށާއި, އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި ނައިބު ރައީސް ވަނީ އެ ތަންތަނުގެ ހާލަތު ވެސް ބައްލަަވައި ލައްވާފައެވެ.