ވަޒީފާ ހޯދުމަށްޓަކައި ވެރިއެއްގެ ގާތް ތިމާގެ މީހަކަށް ވުން ލާޒިމުތަ؟
މި ކުޑަ ކުޑަ ދިވެހިރާއްޖޭގައި ވަޒީފާއަކަށް ބޭނުންވެފައިވާ ކިތައް މީހުން އެބަ އުޅޭތޯއެވެ؟ ކިތައް މީހުން އާއިލާއަށް ޚަރަދު ނުކުރެވިފައި އެބަ ތިބި ތޯއެވެ؟ މާލީ ގޮތުން އެހީ އަށްބޭނުން ވެފައި ކިތައް މީހުން އެބަތިބިތޯއެވެ؟ އާދެ ޝައްކެއްވެސް ނެތެވެ. ކިތަންމެހާ ވެސް ގިނައެވެ. އެހެން ނަމަވެސް މި ރާއްޖޭގައި ވަޒީފާއެއް ހޯދުމަކީ ކިހާ އުނދަގޫ ކަމެއްކަން އެންމެ ރަނގަޅަށް އެނގޭނީ މިއަދު ވަޒީފާއެއްގެ ބޭނުން އިންތިހާއަށް ޖެހިފައިވާ މީހުންނަށެވެ.
ދިވެހިރާއްޖޭގައި ވަޒީފާ ހޯދުމަކީ ފަސޭހަ ކަމެއްނޫނެވެ. މިހެން މިދަންނަވަނީ ކިތައްމެ މައްޗަށް ތައުލީމް ހާސިލް ކޮށްގެން ހުރި މީހެއްކަމުގައި ވީ ނަމަވެސް މި ރާއްޖޭގައި ވަޒީފާ ދިނުމުގެ މިންގަނޑުގައި، އެ ބުރަ މަސައްކަތް ބަލައިނުގަންނާތީއެވެ. އެންމެ ބޮޑު އެއް ހަލާކު ކަމަށް ވާ “ކޮރަޕްޝަން” މިކަމުގެ ތެރޭގައި ހިމެނޭތީއެވެ. ވީއިރު ކުރެވޭ ސުވާލަކީ ކަންތައް ކުރެވެނީ އެންމެ ރަނގަޅަށްތޯއެވެ؟ ވަޒީފާ ލިބެންޖެހޭ ހަމައެކަނި ބަޔަކީ ވެރިންގެ އާއިލާ ބޭފުޅުންތޯއެވެ؟ އެހެންކަމަށް ވަންޏާ ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި ތައުލީމީ ޝަރުތުތައް އުނިކުރުމަށްފަހު މި ދެންނެވި ޝަރުތު ލާޒިމް ކުރަންވީ ނޫންތޯއެވެ؟
ކޮންމެ މީހެއްވެސް ކިޔަވަން ފަށަނީ އެ ކިޔެވި ދާއިރާއަކާ ގުޅޭ ވަޒީފާއެއް ލިބޭތޯ ފޮނި އުންމީދުތައްް ކުރަމުންނެވެ. ނަމަވެސް އެ ފޮނި އުންމީދުތައް ފުނޑުފުނޑު ކޮށްލަނީ ކުރިން ވެސް ދެންނެވި އެންމެ ބޮޑު ހަލާކު ކަމުގައިވާ “ކޮރަޕްޝަން” އެވެ. ވަޒީފާ އެކަންޏެއް ނޫނެވެ. ގާތްގަނޑަކަށް ދަންނަވާނަމަ ހުރިހާ ކަމެއްގައިވެސް މެއެވެ. ކޮންމެ މީހަކުވެސް ވަޒީފާއަކަށް ކުރިމަތިލުމަށް ފަހު ފޯނު ކޯލްއަކުން އެކަންތައް ނިންމާލައެވެ. ވީއިރު މި ވަޒީފާއަށް ޤާބިލު ކިތައް މީހުން އުޅޭނެ ހެއްޔެވެ؟
މިއަދު “ކޮރަޕްޝަން” އަކީ ރާއްޖޭގެ އެންމެ ބޮޑު ހަލާކެވެ. އެކަމެއްގެ ސަބަބުން އެތައް ބައެއްގެ ފޮނި އުންމީދުތަށް ފުނޑުފުނޑު ކޮށްލާ އެއްޗެކެވެ. ކޮންމެ މީހަކުވެސް އެތެރެއެތެރެއިން ކަންތައް ނިންމަން އުޅުމުގެ ބަދަލުގައި އިންސާފުވެރިކޮށް ކަންތައްތައް ނިންމާނަމަ ހަމަޖެހުމުގެ ނޭވާލާ ޙައްޤުވެރީންނަށް ޙައްޤު ލިބެމުން ދާނެއެވެ. މުޖުތަމަޢުގެ ޞުލްޙަ މަސަލަސްކަން ޤާއިމްވެ ފަންތިތަކުގެ ފަރަގު ކުޑަ ކުރެވޭނެއެވެ.