ޚަބަރު

ޑެންގީ ޖެހިގެން ރިޕޯޓްކުރި ކޭސްތަކުގެ އަދަދު 1600އަށްވުރެ މައްޗަށް، 5 މަރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއިން މިއަހަރުގެ މިހާތަނަށް 1600 އަށްވުރެ ގިނަ މީހުން ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާކަމަށާއި ބަލީގައި މަރުވި މީހުންގެ އަދަދު 5އަށް އަރައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މިހާތަނަށް ޑެންގީހުމުގެ ޖުމްލަ 1634 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ރިޕޯޓްކުރި 695 ކޭހަކާއި، އަތޮޅުތަކުން ރިޕޯޓްކޮށްފައިވާ 939 ކޭހެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަހަރުގެ މިހާތަނަށް މުޅި ރާއްޖެއިންވެސް ޑެންގީހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޯގަސްޓްމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. އެ ހަފްތާގައި އެކަނިވެސް 108 ޑެންގީ ކޭސް ރާއްޖޭގައި ރިޕޯޓްކޮށްފައިވެއެވެ.

އަދި މިއަހަރު އޭޕްރީލް މަހުން ފެށިގެން މިހައިތަނަށް މާލެއާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މިދިޔަ ސެޕޓެމްބަރ މަހާ އަޅާ ބަލާއިރު އޮކްޓޯބަރ މަހު މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރެވޭ މިންވަރު އިތުުރުވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރިވިދާނެ ކަންތައްތައް

  • ގެއާއި ގޯތިތެރޭގައި ފެންހަރުލާގޮތަށް ހުންނަ ތަންތަން ސާފުކުރުން
  • މަގުމަތި ތަންތަނަށް ކުނި ނާޅައި ޑަސްޓްބިނަށް ކުނި އެޅުން އަދި ޑަސްބިނަށް ފެންނޭޅޭ ގޮތަށް ބެހެއްޓުން
  • ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުން
  • ގޭތެރެއަށް މަދިރި ނުވަދެވޭ ގޮތަށް އިރުއޮއްސޭ ވަގުތާއި އިރުއަރާ ވަގުތު ދޮރުތައް ލެއްޕުން
  • ޑެންގީ ފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން ހިމެނެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ޑެންގީ ޖެހުމުން ހުން އައުމުގެ އިތުރުން، އެހެނިހެން ނުރައްކާތަކާއި ކުރިމަތިވާ ކަމަށެވެ. ހާއްސަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން، ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑު ކަމަށާއި މިފަދަ ނުރައްކާތެރި ހާލަތްތައް އަވަހަށް ދެނެގަނެ އަވަހަށް ފަރުވާ ނުދެވިއްޖެނަމަ، ފުރާނައަށް ނުރައްކާވުން އެކަށީގެންވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!