ހެޔޮ ރަޙްމަތްތެރިންނަކީ ވާޖިބުތައް އަދާކުރުމުގައްޔާއި ޙައްޤުތައް ރައްކާތެރިކުރުމުގައި އެހީވެދޭ މީހުން: ޚުތުބާ
ވާޖިބުތައް އަދާކުރުމުގައްޔާއި ޙައްޤުތައް ރައްކާތެރިކުރުމުގައި އެހީވެދޭ މީހުންނަކީ ހެޔޮ ރަހުމަތްތެރިން ކަމަށް ހުކުރު ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ހެޔޮލަފާ ރަޙްމަތްތެރިން އިޙްތިޔާރު ކުރުން" މިއެވެ.
ޚުތުބާގައި ބުނެފައި ވަނީ މިހަކާ މުސީބާތެއް ނުވަތަ ކާރިސާއެއް ނުވަތަ ދަތިކަމެއް ކުރިމަތިވުމުން، އޭނާގެ ގާތުގައި އެކުވެރިންކަމުގައި ހެދިގެން އުޅުނު ގިނަ ބަޔަކު، އޭނާ ދޫކޮށް ދުރަށް ދާތަން ފެންނަ ކަމަށެވެ. އަދި ރަޙްމަތްތެރިންނަކީ ޖަމާޢަތެއްގެ ކުރިއެރުމާއި ފަހަތަށް ޖެހުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ބައެއް ކަމަށާއި ހިތްހަމަޖެހުމާއި ނުތަނަވަސްކަން ގެނެސްދިނުމުގައި މީހުންގެ ފިކުރާއި ވިސްނުމަށް ރަޙްމަތްތެރިންގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ރަޙްމަތްތެރިކަމުގެ ގުޅުން އުފެދިފައި ވަނީ އިޙްލާސްތެރިކަމާއި, މަތޮވެރި މަގްސަދެއްގައި ކަމުގައި ވާނަމަ އެއީ ބަރކާތް ލައްވާނެ ގުޅުމެއް ކަމަށާއި ދޯދިޔާ ނުބައި ގުޅުމެއް ނަމަ އޭގެ ނުބައިކަން އެފަރާތަކަށް ރައްދު ކުރައްވާނެ ކަމަށްވެސް ބުނެފައިވެއެވެ.
“ ރަޙްމަތްތެރިން ހޯދަން ޖެހެނީ މި ބިންގަލުގެ މަތީގަ. މި ރަހްމަތްތެރިކަން ހާސިލުވެފައި އޮންނަން ޖެހޭނީ ހައްގަށް. މި ރަހުމަތްތެރިކަން އުފަންވެ އާލާވާން ޖެހޭނީ އީމާންކަމާއި އިހްލާސްތެރިކަމުގެ މަތީގަ. ބޭނުންޖެހޭ ވަގުތުތަކުގައްޔާއި މުސީބާތުގެ ވަގުތުގައި މިފަދަ ރަހުމަތްތެރިންގެ އެހީ ލިބޭނެ" ހުތުބާގައި ބުނެފައިވެއެވެ.
އިންސާނެއްގެ ހިތަށް އީމާންކަން ވަދެ އެކަމުގެ ފޮނިކަން އިހުސާސް ކުރެވިއްޖެ ނަމަ އޭނާގެ އޭނާގެ އެކުވެރިކަން އޮންނާނީ މި އުސޫލުގެ މަތީގައި ކަމަށާއި އެ އެކުވެރިކަމަކީ ވަކި އެދުމެއް ހާސިލްކުރުމަށްޓަކައި އުފެދޭ ގުޅުމަކަށް ވެގެން ނުވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެފަދަ މީހުން އެގުޅުން ކަނޑާލާނީވެސް ހަމަ މި އުސޫލުން ކަމަށާއި ތެދުވެރި ރަނގަޅު ރަހުމަތްތެރިންނަކީ އިސްލާމްދީން އެކަމަށް ގޮވާލާ ބާރުއަޅާ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.