ޗައިނާގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފި

ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފާޑުކިޔާ ބެއިޖިންގައި ބެނާއެއް ދަމައިފިއެވެ.
މިއީ ޗައިނާގެ ސަރުކާރާ ދެކޮޅަށް ފަހުގެ ތާރީޚެއްގައި މީހަކު ނުވަތަ ބަޔަކު އަޑު އުފުލި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ބެއިޖިންގެ ހައިދިޔާ ޑިސްޓްރިކްޓްގެ ސިޓޮންގް ބްރިޖްގައި ބެނާ ހަރުކޮށްފައެވެ. މި ބެނާގައި ޗައިނާގެ ހަރުކަށި ޒީރޯ-ކޮވިޑު ސިޔާސަތު ނިމުމަކަށް ގެނައުމަށާއި، ޝީގެ ވެރިކަން ވައްޓާލުމަށް ގޮވާލާފައެވެ.
މިކަމާ ގުޅޭ ގޮތުން ޗައިނާގެ ދައުލަތުގެ މީޑިއާ ހިމޭނުން އޮތް އިރު، ބުރާސްފަތި ދުވަހުގެ ހަރަކާތުގެ ފޮޓޯތަކާއި ވީޑިއޯތައް އޮންލައިންކޮށް ވަރަށް ބޮޑަށް ވަނީ އާއްމުވެފައެވެ.
މި ޚަބަރު ދައުރުކުރުން ހުއްޓުވުމަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކާއި ޗައިނާގެ ގިނަ ބަޔަކު ބޭނުންކުރާ ވީޗެޓް އެޕްގައި ސެންސަރުކުރާ ފަރާތްތަކުން މަސައްކަތް ފަށާފައިވާ ކަމަށް ބީބީސީއިން ރިޕޯޓްކުރިއެވެ.
ބުރާސްފަތި ދުވަހުގެ މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ ކޮމިއުނިސްޓް ޕާޓީގެ ތާރީޚީ ކޮންގްރެސްއެއް ބޭއްވުމުގެ ކުރީގައެވެ.