12 އަހަރަކީ ގާނޫނު އަސާސީ ފުރިހަމަ ވުމަށް މާގިނަ ދުވަހެއް ނޫން. އަދި ދުވަސްކޮޅެއް ނަގާނެ: ޤާސިމް އިބްރާހީމް
ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ ނަތީޖާއެެއްގެ ގޮތުން އުފެދުނު “ފެހި ގާނޫނު އަސާސީ” އަށް މިއަދު މިވަނީ 12 އަހަރު ވެފައެވެ. މި ގާނޫނު އަސާސީ ހެދުމަށް އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ފުރަތަމަ ކުރެއްވީ އޭރުގެ ގދ.އަތޮޅު މެންބަރު އައްބާސް އިބްރާހިމްއެވެ.
ނަމަވެސް ދިމާވި އެކި ކަންކަމާ ކުރިމަތިވި ސިޔާސީ ހައިޖާނުތަކުގެ ސަބަބުން އެ މަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުމުން ދެން ގާނޫނު އަސާސީ އެއްކޮށްއެކުލަވައިލާ ނިމެންދެން ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވީ ގާސިމް އިބްރާހިމްއެވެ.
ގާނޫނު އަސާސީއަށް 12 އަހަރު ވުމުގެ މުނާސަބަތުގައި ގާސިމް ވަނީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ “ސަން” އަށް ހާއްސަ އިންޓަވިއު އެއް ދެއްވާފައެވެ.
މި އިންޓަވިއުގައި މިވީ ދުވަސްތަކުގައި ގާނޫނު އަސާސީއާ މެދު ދެކިވަޑައިގަންނަވީ ކިހިނެއްތޯ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ 12 އަހަރަކީ މިބާވަތުގެ ކަމަކަށް މާ ގިނަ ދުވަސް ނޫން ކަމަށެވެ. އެގޮތުން ގާނޫނު އަސާސީ ފުރިހަމަ ވުމަށް އަދި މީގެ ދެގުނަ ދުވަސް ނަގާނެ ކަމަށް ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ 20-30 ހަކަށް އަހަރު ދުވަސް އެކަމަށް ނަގާފާނެ ކަމަށެވެ.
އެއްބަޔަކު ގާނޫނު އަސާސީގެ ފުރިހަމަ ކަމުގެ ވާހަކަ ދައްކާއިރު އަނެއްބަޔަކު ގާނޫނު އަސާސީގެ އުނި ކަމުގެ ވާހަކަ ދައްކާ ކަމަށެވެ. އަބަދުވެސް މީހުން އެކަންކުރާނެ ކަމަށާއި ނަމަވެސް މާ އަވަހަށް އަޅުގަނޑުމެންނަށް ތެޅިގަނެވެނީ ކަމުގައި އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ގާނޫނު އަަސާސީގައި ހުރި ކަންކަން ބަދަލު ކުރާ ވާހަކަ ވެސް މިއަދު ދައްކާ ކަމަށާއި ބަރުލަމާނީ ނިޒާމެއްގެ ވާހަކަވެސް އެބަ ދައްކަމުން ދާ ކަމުގައި ގާސިމް ވިދާޅުވިއެވެ.
ގާނޫނު އަސާސީ ގައި ބަޔާން ކޮށްފައިވާ ގޮތަށް ކަންތައްތައް ކުރެވޭނީ އެކަމަށް މުއައްސަސާތަކުން ތައްޔާރު ވެގެން ކަމުގައި ގާސިމް ފާހަގަ ކުރެއްވިއެވެ. ގާނޫނު އަސާސީ ކިތަންމެ މޮޅު ނަމަވެސް އެކަންކަން ނުކުރެވޭނަމަ ފައިދާއެއް ނެތް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ހަދާ އައު ގާނޫނު ތައް ގާނޫނު އަސާސީއާއި ދިމާ ނުވަނީ ކަމަށް ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ގާނޫނު އަސާސީގައި އުނި ކަމެއް ނެތް ކަމަށެވެ.
ގާނޫނު އަސާސީން ލިބުނު އެންމެ ބޮޑު ފައިދާ އަކީ ޝައްކެތްވެސް ނެތް ގޮތުގައި އަޅުގަނޑުމެންނަށް ލިބުނު މިނިވަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހާރު އެމީހަކު ބޭނުންވާ އެއްޗެއް ބުނެވޭ ކަމުގައި ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ މީގެ ކުރިން ވެރިއަކާ ދޭތެރޭ މީހަކު އެއްޗެއް ހިތަށް އަރުވާލިޔަސް އެމީހެއްގެ ދުވަސް އެދިޔައީ ކަމަށެވެ. ނަމަވެސް މިއަދު ހާލަތަކީ އެއީ ނޫންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މި ހާއްސަ ދުވަހު ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ބޭނުން ކުރުމުގައި ޖަނަވާރުންގެ ދަރަޖައަށް ނުވެއްޓުމަށް އިލްތިމާސް ކުރައްވާފައެވެ.