އިނގިރޭސި ވިލާތުގައުގައި ހުންނަ ޗައިނާ ކޮންސިއުލޭޓަށް ވައްދާ އަނިޔާކުރި މައްސަލައެއް

އިނގިރޭސިވިލާތުގެ މެންޗެސްޓާގައި ހުންނަ ޗައިނާ ކޮންސިއުލޭޓްގައި ހޮންގްކޮންގްގެ ޑިމޮކްރަސީއަށް ތާއީދުކުރާ މުޒާހަރާގެ ބައިވެރިއަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް އިނގިރޭސިވިލާތުގެ އެކްޓިވިސްޓުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ގޮވާލައިފިއެވެ.
ޑިމޮކްރަސީއަށް ތާއީދުކުރާ ހޮންގްކޮންގް އިންޑިޖިނަސް ޑިފެންސް ފޯސް ނަމަކަށް ކިޔާ ޖަމާއަތަކުން އާދީއްތަ ދުވަހު އިނގިރޭސި ވިލާތުގައި ހުންނަ ކޮންސިއުލޭޓް ބޭރުގައި މުޒާހަރާކުރީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް ބެއިޖިންގައި އެ ދުވަހު ބޭއްވުމާ ދެކޮޅަށެވެ.
ސޯޝަލް މީޑިއާގައި އާންމުވި މި ހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި ކޮންސިއުލޭޓް ގެ ބޭރުގައި ހުރި މަގުމަތީގައި ގިނަ އަދަދެއްގެ ބަޔަކު ދިޔައީ މުޒާހަރާ ކުރަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިއަކު ކޮންސިއުލޭޓް އެތެރަށް ވައްދައި، މާރާމާރީ ހިންގާ މަންޒަރު ފެނެއެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ހަމަނުޖެހުންތައް ރޫޅާލުމަށް ކޮންސިއުލޭޓްގެ މައިދާނަށް ފުލުހުން ވަނީ ވަދެފައެވެ.
ހޮންގްކޮންގްގެ އިންޑިޖިނަސް ޑިފެންސް ފޯސް އިން ތުހުމަތުކުރާ ގޮތުގައި މާރާމާރީ ހިންގުމުގައި ޗައިނާގެ ކޮންސިއުލާ ސްޓާފުން ބައިވެރިވި ކަމަށެވެ.
ހޯމަ ދުވަހު ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވެފައިވަނީ "ހާލަތު އެނގިވަޑައިނުގަންނަވާ" ކަމަށެވެ.
"އިނގިރޭސިވިލާތުގައި ހުންނަ ޗައިނާ އެމްބަސީ އާއި ކޮންސިއުލޭޓްތަކަކީ އަބަދުވެސް އެ މީހުން ތިބޭ ގައުމުތަކުގެ ގާނޫނުތަކަށް ބޯލަނބާ ތަންތަން،" އޭނާ އާންމުކޮށް ބާއްވަމުން އަންނަ ނިއުސް ބްރީފިންގައި ވިދާޅުވިއެވެ.