ޤަތަރުގެ ޝާހީ އާއިލާއަށް ރާއްޖެއިން ރަށެއް ދެއްވަނީ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހަކުން މިއަދު އާންމުކޮށްފައިވާ ލިއުމެއްގައި ބުނެފައިވަނީ ޝާހީ އާއިލާއަށް ދެއްވުމަށް ރައީސް ޞާލިޙް ނިންމަވާފައިވަނީ ޅަވިޔަނި އަތޮޅުގައި އޮންނަ ދިއްފުށި މައިދޫ ކަމަށެވެ.
އޭގައި ބުނެފައިވާ ގޮތުން ރައީސް ޞާލިޙް އެ ރަށް ދޭން ނިންމެވީ ޝާހީ އާއިލާގެ ފަރާތްތަކުގެ ހޮލިޑޭ ހޯމްއެއްގެ ގޮތުގައި ބޭނުން ކުރުމަށް ރާއްޖޭގެ ރަށެއް ދިނުމަށް އެ އާއިލާގެ ފަރާތުން އެދުމުން ކަމަށެވެ.
މިކަމާ ގުޅިގެން މިއުވާން ކުރެއްވި ޓްވީޓެއްގައި ވަނީ އެ ނޫހުގައި ލިޔެފައިވާ މި ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް، ދޮގު ހަބަރެއް ކަމަށް ވިދާޅުވެފައެވެ.
އެ ނޫހުން ބުނެފައިވާ ގޮތުން ޝާހީ އާއިލާގެ އިތުރުން ވެސް ބައެއް އެހެން ފަރާތްތަކަށް ވެސް ފަޅު ރަށްތައް ދިނުމަށް ރައީސް ޞާލިޙް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.