ދުނިޔެ

ހީކުރި ވަރަށްވުރެ އަވަހަށް ޗައިނާއިން ޓައިވާން ހިފާފާނެ: އެމެރިކާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ޓައިވާން ހިފުމަށް ނިންމާފައިވަނީ ކުރިން ހީކުރި ވަރަށްވުރެ މާ ހަލުވި ޓައިމްލައިނެއްގައި ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

Ads by WAMCO

ކެލިފޯނިއާގެ ސްޓެންފޯޑް ޔުނިވާސިޓީގައި ހޯމަ ދުވަހު ބޭއްވި އިވެންޓެއްގައި ބްލިންކެން ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ޓައިވާނާ މެދު ބެއިޖިން އިން ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށެވެ.

އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް މިހެން ވިދާޅުވެފައި މިވަނީ ޗައިނާއިން ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް ބާއްވަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން އާދީއްތަ ދުވަހު ގިނަ ބަޔަކު ބެއްލެވި ތަގުރީރެއް ބޭނުންކުރައްވައި، ޗައިނާ ވަކިވެފައިވާ މަންޒަރު މާޒީވާނެ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ބްލިންކެން ވިދާޅުވީ ޗައިނާއިން ޓައިވާނަށް ދެމުން ދިޔަ ދޫތަށް ހަރުކޮށް، ބެއިޖިން އިން އަޒުމް ކަނޑައެޅީ އެއަށްވުރެ ހަލުވި ޓައިމްލައިނެއްގައި އެއްބައިވަންތަކަން ގާއިމުކުރުމަށް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ނުދެއްވައެވެ.

ޓައިވާން ކަނޑުއޮޅިގެ ބާރުގެ ބެލެންސް ޗައިނާއިން ގެއްލުވާލާފައިވާ ކަމަށް ބައިޑަން ސަރުކާރުގެ އޮފިޝަލުން އަބަދުވެސް ތުހުމަތު ކުރަމުން ދިޔަ ނަމަވެސް، ހަމަލާދިނުމާ ގުޅޭ ގޮތުން ބެއިޖިންގެ ވިސްނުމާ ބެހޭ ގޮތުން ދައްކާ ވާހަކަތައް މަދުއެވެ.

ބްލިންކެންގެ ވާހަކަތަކުން ޓައިވާނު ހިފުމުގެ އެޖެންޑާ ޗައިނާއިން ކުރިއަށް ގެންގޮސްފައިވާ ކަމަށް ރަސްމީ އެއްވެސް އެސެސްމަންޓެއް ފެނިފައިވޭތޯ ކުރި ސުވާލަށް ސްޓޭޓް ޑިޕާޓްމަންޓުން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ މާޗް މަހު އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ އޭރުގެ ކޮމާންޑަރު އެޑްމިރަލް ފިލިޕް ޑޭވިޑްސަން ސެނެޓްގެ އާމްޑް ސާވިސަސް ކޮމިޓީގައި ވިދާޅުވީ ޗައިނާއިން ބޭނުންވަނީ "މި ދިހައިގެ ތެރޭގައި، ކުރިއަށް އޮތް ހަ އަހަރުގެ ތެރޭގައި" ޓައިވާން ހިފަން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!