ދުނިޔެ

ޗައިނާގެ ކޮންސިއުލޭޓް ދޮރުމަތީގައި ހިނގި ހަމަނުޖެހުމުގައި އިސް ޑިޕްލޮމެޓެއް ބައިވެރިވި ކަމުގެ ތުހުމަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ މެންޗެސްޓާގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓުގައި ދޮރުމަތީ އާދީއްތަ ދުވަހު މުޒާހަރާ ކުރި ބައިވެރިންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ޗައިނާގެ އެންމެ އިސް އެއް ޑިޕްލޮމެޓް ބައިވެރިވި ކަމަށް އިނގިރޭސި ވިލާތުގެ މެމްބަރަކު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

"އަޅުގަނޑުމެންނަށް ފެނުނު ކަމަކީ ޗައިނާގެ ކޮންސުލް ޖެނެރަލް ޕޯސްޓަރުތައް ފަޅާލައި ސުލްހަވެރި އިހުތިޖާޖަކަށް ހުރަސް އެޅިތަން،" ހައުސް އޮފް ކޮމަންސްގައި މެމްބަރުންނާ ވާހަކަ ދައްކަވަމުން އެލިސިއާ ކެއާންސް ވިދާޅުވި އެވެ.

ޒެންގް ޒިޔުއާންގެ ބައިވެރިވުން އޮތް ކަމަށް ބުނާ މައްސަލާގައި ޗައިނާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ބެއިޖިންގައި ހުންނަ ޚާރިޖީ ވުޒާރާއިން ވަނީ ކޮންސިއުލޭޓްގެ މުވައްޒަފުންގެ އަމަލުތައް ދިފާއުކޮށްފައެވެ.

ޗައިނާގެ ތަރުޖަމާނު ވަންގް ވެންބިން އަންގާރަ ދުވަހު ވިދާޅުވީ މީހުން ކޮންސިއުލޭޓް އިންފާރަށް ވަދެފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި ކޮންމެ ގައުމެއްގެ ޑިޕްލޮމޭޓަކު ވެސް އެ ތަންތަން ހިމާޔަތް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އިނގިރޭސި ވިލާތުގެ ޚާރިޖީ ވުޒާރާއިން ވަނީ ކޮންސިއުލޭޓްގައި ހިނގި ކަންކަމުގެ ތަފްސީލު ހޯދުމަށް ޗައިނާގެ ޗާރޖް ޑި އެފެއާޒް ޔަންގް ޒިއާއޯގުއާންގް ހާޒިރުވާން އަންގާފައެވެ. ނަމަވެސް ޑެޕިއުޓީގެ ޤައުމުގައި ނެތް ކަމަށް ބުނެ ބަދަލުގައި ފޮނުވާފައިވަނީ އޮފިޝަލެކެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުގައި ތިއްބަވާ ހުރިހާ ޑިޕްލޮމެޓުންނާއި ކޮންސިއުލާ ސްޓާފުން އިނގިރޭސިވިލާތުގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް އަންގާރަ ދުވަހުގެ ބައްދަލުވުމުގައި ތަކުރާރުކޮށްފައިވާ ކަމަށެވެ.

މިކަން ހިނގި ގޮތުގެ ރަސްމީ ޗައިނާ ވާޝަނަކީ ވީޑިއޯ ފުޓޭޖާއި ފުލުހުންގެ ބަޔާންތަކާ ޚިލާފު ވާހަކައެކެވެ. ކޮންސިއުލޭޓް ގޭޓުގެ ތެރޭގައި މުޒާހަރާގެ ބައިވެރިއަކު ދަމައިގަތުމުން އޭނާއަށް ހަމަލާދެމުން ދަނިކޮށް އޮފިސަރުންނަށް ޖެހުނީ އޭނާ ފަހަތަށް ޖެއްސުމަށެވެ.

ނަމަވެސް ބުދަ ދުވަހު ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ "މެންޗެސްޓާގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓް ޖެނެރަލަށް ގަވައިދާ ހިލާފަށް ވަނުމުގެ ތެރޭގައި" އެ ގައުމުގެ ބައެއް މުވައްޒަފުންނަށް އަނިޔާވެފައިވާ ކަމަށް ބުނެ އިނގިރޭސިވިލާތަށް ޝަކުވާ ކޮށްފައިވާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ބިމުގައި ޗައިނާގެ ޑިޕްލޮމެޓުން ހިމާޔަތް ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް އިނގިރޭސިވިލާތުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!