ޑްރަގްގެ މައްސަލައެއްގައި އުފުލި މަނީ ލޯންޑަރިންގެ ދަޢުވާ ބޭރުކޮށްލި މައްސަލަ ހައިކޯޓަށް
މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދިކަމަށް ޝައްކުކުރެވޭ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދިކަމަށް ބުނާ މައްސަލައެއްގައި ފުރަތަމަ ފަހަރަށް އުފުލި މަނީ ލޯންޑަރިންގެ ދަޢުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މި މައްސަލައަކީ ގދ.ތިނަދޫ/ލަކީލާސްޓް, ރާމިޒާ ޢަލީއާއި އޭނާގެ ފިރިމީހާ ގދ.ތިނަދޫ/ރަންގަލް, ޙަސަން ލޫޠު އިތުރު ބަޔަކާއެކު މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދިކަމަށް ޝައްކުކުރެވޭ ފައިސާ ރާމިޒާގެ އެކައުންޓަށް ޖަމާކުރުމުން އޭގެ މަންފާ ހޯދިކަމަށް ތުހުމަތުވާ މައްސަލައެކެވެ.
މި މައްސަލައިގައި ދެން ޝާމިލްވާ މީހުންނަކީ ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45, ޙަސަން ރަޝީދާއި، ތ.ތިމަރަފުށި، ވައިޓްރޯސް، އިސްމާޢީލް ޝަރީފާއި، މއ.ހަސްލަތު، ޝަނިޔާ އިބްރާހީމެވެ.
ރާމިޒާގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ ޢަލީ އާދަމް ނިންމެވި ނިންމެވުމުގައި ވަނީ ރާމިޒާ މަނީ ލޯންޑްރިންގެ ކުށުގެ ޢަމަލެއް ކޮށްފައިވާކަމަށް ޝަރީޢަތަށް ސާބިތުކޮށްދެވޭ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ރާމިޒާގެ މަނީ ލޯންޑަރިންގެ އަމަލެއް ކޮށްފައިވާކަން ދަލާލުކޮށްދޭ އެއްވެސް ހެއްކެއް ފެންނަން ނެތުމުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް މައްސަލަ ބަލައިގަތުމާމެދު އަދި ވަކި ގޮތެއް ނުނިންމައެވެ.
މިއީ މިފަދަ މައްސަލައެއްގައި އުފުލި ފުރަމަތަ މަނީ ލޯންޑަރިންގެ ދަޢުވާއެވެ. ޕްރޮސެކިއުޓާރ ޖެނެރަލް ޙުސައިން ޝަމީމް މީގެ ކުރިން ވިދާޅުވީ ''މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާ މީހުންގެ ފަހަތުން ދާންޖެހޭ'' ކަމަށެވެ.
''މިހާރު ހީވެފައި އޮންނަނީ މަސްތުވާތަކެތީގައި އަތްނުލާ އުޅޭ މީހުންނަށް ސަލާމަތް ވެވޭނެޔޭ. އެ މަގު މިއުޅެނީ ބަންދު ކުރަން. އަތް ނުލިޔަސް ފައިސާ ބޭނުންކުރަންޏާ އެ މައްސަލަ ތަހުޤީޤުކޮށް ދަޢުވާ ކުރެވެން އޮތް މީހުންނަށް ދަޢުވާ ކުރަން. މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ އެހެން ކަންކަމަށް ބޭނުންކުރާނަމަ މަނީ ލޯންޑްރިންގެ ދަޢުވާ ކުރަން ޤާނޫނު ޖާގަދޭ. ޕީޖީ އޮފީހުގެ ސިޔާސަތަކީ އެ މަގުން ދިއުން. އެ ފައިސާއާއި, އެ ފައިސާއާ އެއްކޮށްފައިވާ އެހެން ފައިސާތައް ދައުލަތަށް ނެގުން.'' ރާމިޒާގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމާ ގުޅިގެން މީގެ ކުރިން ޝަމީމް ވިދާޅުވެފައިވެއެވެ.