ދުނިޔެ

ރިޝީއަށް މޯދީގެ މަރުޙަބާ؛ އެކުގައި މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ހަމަޖެހިފައިވާ އިންޑިއާ ދަރިކޮޅުގެ ރިޝީ ސުނާކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެއެވެ.

Ads by WAMCO

މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ކަންކަމުގައި ސުނާކްއާ ގުޅިގެން މަސައްކަތްކޮށް "މަގުޗާޓު 2030" ތަންފީޒު ކުރުމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މޯދީ ވިދާޅުވީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ރިޝީ ވަޑައިގެންނެވުމަކީ އިނގިރޭސިވިލާތުގައި އުޅޭ އިންޑިއާގެ މީހުންނާ ދެމެދު އެޅޭ ވަރުގަދަ ފާލަމަކަށް ވެސް ވާނެ ކަމަށެވެ.

"ރިޝީ ސުނަކަށް ވަރަށް ހޫނު މަރުހަބާއެއް! އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކަށް ވެވަޑައިގަތުމާއެކު، ބައިނަލްއަޤްވާމީ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް، މަގުޗާޓް 2030 ތަންފީޒުކުރެއްވުމަށް އަޅުގަނޑު އުންމީދު ކުރަން ޓްވިޓާގައި މޯދީ ލިޔުއްވާފައިވެއެވެ.

އިންޑިއާއާއި އިނގިރޭސިވިލާތާ ދެމެދު ވަނީ ފްރީ ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ފަށާފައެވެ. ރިޝީގެ ދައުރުގައި މިކަން އަވަސް ވެގެންދާނެ ކަމަށް ބެލެވެއެވެ.

އުމުރުން 42 އަހަރުގެ ރިޝީ އަކީ އިންޑިއާ ދަރިކޮޅުގެ ބޭފުޅެކެވެ. އަދި އޭނަ އަކީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ އިންޑިއާގެ ދަރިކޮޅުގެ ފުރަތަމަ ބޭފުޅާ ވެސް މެއެވެ. ރިޝީ އަކީ ބޮޑުވަޒީރުކަމުގައި 45 ދުވަސް ހޭދަކުރެއްވުމަށް ފަހު މި މަހުގެ 20 ގައި އިސްތިއުފާ ދެއްވި ލިޒް ޓްރަސް މަގާމަށް ވަޑައިގެންނެވި އިރު އޭނައާ އެންމެ ބޮޑަށް ވާދަކުރެއްވި ބޭފުޅާ ވެސް މެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!