ޗައިނާގެ ކުރީގެ ރައީސް، ކޮންގްރެސް އިން ނެރޭ ވީޑިއޯ އާއްމުވެއްޖެ
މިދިޔަ ހަފުތާގައި ކުރިއަށް ދިޔަ ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ކޮންގްރެސްގެ ބައްދަލުވުމެއްގެ ތެރެއިން ކުރީގެ ރައީސް ހޫ ޖިންޓާއޯ ނެރުނު ވަގުތުގެ ވީޑިއޯއެއް އާއްމުވެއްޖެއެވެ.
ސިންގަޕޫރުގެ ޗެނަލް ނިއުސް އޭޝިއާއިން އާއްމުކުރި ވީޑިއޯއިން ފެންނަނީ ހޫގެ ވައަތް ފަޅީގައި އިންނެވި ޕޮލިޓްބިޔުރޯގެ މެމްބަރު ލީ ޒަންޝޫ އަމަލު ކުރައްވާގޮތެވެ.
އެގޮތުން ހޫގެ އަތްޕުޅުން ލިިޔުންތަކާއި ފައިލް ނަންގަވައި، ވާހަކަ ދައްކަވާ މަންޒަރު ފެނެއެވެ. އޭގެ ފަހުން ހޫގެ ކަނާއަތް ފަޅީގައި އިންނެވި މިހާރުގެ ރައީސް ޝީ ޖިންޕިން އެހެން އޮފިޝަލަކާ ވާހަކަ ދައްކަވައެވެ.
އެއަށްފަހު އެ އޮފިޝަލް ހޫއާ ވާހަކަ ދައްކައި، ކޮންގްރެސް ދޫކޮށް ވަޑައިގެންނެވުމަށް ޕްރެޝަރު ކުރައްވަ އެވެ. ވަޑައިގެންނެވުމުގެ ކުރިން ހޫ ވަނީ ޝީއާ މުއާމަލާތް ކުރައްވައިފައެވެ.
ބައެއް ފަރާތްތަަކުން ބުނާ ގޮތުގައި އެއީ ކޮންގްރެސް ކޮންޓްރޯލްކޮށް، ޝީގެ ނުފޫޒު ދެމެހެއްޓުމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ. އެހެން ނަމަވެސް އެއީ ހޫގެ ސިއްހީ ހާލުކޮޅާ ހެދި އަމަލު ކުރި ގޮތެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެއެވެ.
ޗައިނާގެ ޝިންހުއާ ނިއުސް އެޖެންސީން ކުރި ޓްވީޓެއްގައި ބުނީ ހޫ ޖިންޓާއޯ ކޮންގްރެސްއިން ނުކުމެވަޑައިގެންނެވީ ސިއްހީ ހާލުކޮޅުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް، އެ އެޖެންސީއިން ޗައިނާގެ އެތެރޭގައި އެގޮތަށް ރިޕޯޓެއް ނުކުރެއެވެ. ޗައިނާގައި ޓްވިޓާ އޮންނަނީ ބްލޮކްކޮށްފައެވެ.
އުމުރުފުޅުން 79 އަހަރުގެ ހޫ ޖިންޓާއޯ ޗައިނާގެ ރައީސްކަން ކުރެއްވީ 2003 އިން 2013 އަށެވެ. އެ މުއްދަތުގައި ކުރިއަށް ވުރެ ބޮޑަށް ޗައިނާ ދުނިޔެއަށް ހުޅުވާލިއެވެ.
އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި މިހާރުގެ ރައީސް ޝީ ޖިންޕިންގެ ދަށުން ގައުމު އިތުރަށް އެކަހެރިވެފައިވާ ކަމަށް އެނެލިސްޓުން ބުނެއެވެ.