ޓިބެޓްގައި ބޮޑު މުޒާހަރާއެއް
ޓިބެޓްގެ ސަރަހައްދީ ވެރިރަށް ލާސާގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެއްޖެއެވެ.
ޗައިނާގެ މި ސަރަހައްދަކީ ވަރަށް އެކަހެރިކޮށްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުގައިވާ ގިނަކަންކަން ބޭރު ދުނިޔެއަށް ނުފެންނަހެން ހުންނަނީ ސެންސަރުކޮށްފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ގިނަ ވީޑިއޯތަކުން ފެންނަ ގޮތުގައި އެތައް ސަތޭކަ ބަޔަކު މުޒާހަރާކޮށް ފުލުހުންނާ ކުރިމަތިލައެވެ. އެ މީހުންނަކީ ހަން ޗައިނާގެ މަސައްކަތްތެރިން ކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑް-19އާ އަދިވެސް އެ ސަރަހައްދުގެ މީހުން ހަނގުރާމަ ކުރަމުންދާއިރު އެ ސިޓީ ލޮކްޑައުންކޮށްފައި އޮންނަތާ ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސް ވެއްޖެއެވެ.
ބުދަ ދުވަހުގެ މެންދުރު ފަހު ކުރިއަށް ގެންދިޔަ މުޒާހަރާތައް ރޭގަނޑާ ހަމައަށް ދިގުލައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އެއް ވީޑިއޯއިން ފެންނަ ގޮތުގައި އެތައް ސަތޭކަ ބަޔަކު މަގުތަކަށް އެއްވެފައިވާއިރު، އޮފިޝަލުން އެއްކޮޅުން އެ މީހުން ބްލޮކް ކުރެ އެވެ.
ޗައިނާގެ ސޯޝަލް މީޑިއާގައި މި ވީޑިއޯތައް ނަގާފައިވީ ނަމަވެސް ޓްވިޓާގައި ވީޑިއޯތައް ވަނީ އަލުން ރިޕޯސްޓްކޮށްފައެވެ. ރީޕޯސްޓުކޮށްފައިވާ ވީޑިއޯތައް މިނިވަންކަމާ އެކު އަދި މީޑިއާތަކަށް ކަށަވަރުވެފައެއް ނުވެއވެެ.