ޚަބަރު

އަބްދުﷲގެ މަންމަގެ އުދާސްތައް ބަންޑުން: ކޮން މަންމަޔަކަށް ތޯ ކެތްވާނީ ދަރިފުޅުގެ މޫނު ދެކިނުލާ ގޭގަ އޮންނަން

ރައުފާ ރަޝީދު ، ދެން އޮންލައިން
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ މަންމަ-- ފޮޓޯ/ ވަގުތު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދުގެ ހަށިގަނޑު ބަލަން، ގަލޮޅު ސަހަރާ މޯޗަރީ ކުރިމަތީގައި ހުރި އަބްދުﷲގެ މަންމަ، ހިތުގެ އުދާސްތައް ބަންޑުންކޮށްލައިފިއެވެ.

Ads by Hajj Corporation

މި ހާދިސާގައި ކަން ހިނގައިދިޔަ ގޮތާއި ފުލުހުން މި މައްސަލައިގައި އަމަލު ކުރަމުންދާ ގޮތް އާންމުންނާ އެ މަންމަ ހިއްސާކުރީ ހިތްވަރާ އަސަރާއެކުއެވެ. އަބްދުﷲގެ މަންމަ ކިޔައިދިން ގޮތުން އޭނާ ހައްޔަރުކޮށްގެން ގެނދިޔައީ މި މަހުގެ 25 ވަނަ ދުވަހު ގާތްގަޑަކަށް 15:50ހާއިރުއެވެ. އޭރުވެސް ދަރިފުޅާ ބައްދަލު ނުވާ ކަމަށާއި ހައްޔަރުކޮށްގެން ލޯންޗަށް ގެންދިޔަ ކަމަށް ބުންޏެވެ.

ލޯންޗަށް ލި ތަނުން އަބްދުﷲ މޭގަ ރިއްސަން ފެށި ކަމަށާއި އެވަގުތު ވަރަށް ވޭނުގަ އުޅުނު ކަމަށް ކިޔައިދިނެވެ. “ތިމަންނަ ގެންގޮސްދޭށޭ ހޮސްޕިޓަލަށް، ތިމަންނަ މި މަރުވަނީ އޭ މެޔަށް ތަދުވެގެން. އެމީހުން ބުނީ ކަލޭ ތި ޖައްސަނީ ފޭކޭ” އަސަރާއެކު އެ މަންމަ ކިޔައިދިނެވެ.

އެހެން އޮއްވާ މެމްބަރު ފިރުޝާން އާ ކައުންސިލްގެ ނައިބު ރައީސް އެތަނަށް ދިޔަ ކަމަށާއި އޭނާ ޑޮކްޓަރަށް ދައްކަން ގެންދިޔުމަށް އާދޭސް ކުރި ކަމަށް ބުންޏެވެ. މީގެ އިތުރުން ހޮސްޕިޓަލު މެނޭޖަރުވެސް އެތަނަށް ދިޔަ ކަމަށާއި ފުލުހުންނަށް އޭނާ ހޮސްޕިޓަލަށް ނުގެންދެވޭ ނަމަ ޑޮކްޓަރު އެތަނަށް ގެނެސްދޭނަމޭ ވެސް ފުލުހުން ކައިރީގައި ބުނި ކަމަށް މަންމަ ކިޔައިދިނެވެ.

އެ ވޭނުގައި 2 ގަޑިއިރު ވަންދެން އެއްވެސް ކަމެއް ނުކޮށް ބޭއްވި ކަމަށާއި އޭގެ ފަހުން ނިޔާވީ ކަމަށެވެ. ނިޔާވުމުންވެސް އާއިލާއަށް ނާނގާ ގެންދިޔައީ މަޑަވެއްޔަށް ކަމަށް ބުންޏެވެ.

“މަރުވީމަވެސް އަންގާ ނުލާ މަޑަވެއްޔަށް ލާފަ އެމީހުން ރައްކާވީ. ދެންވެސް އަޅުގަނޑުމެންނަކަށް ނޭނގޭ. ހުއްޓާ މަޑަވެލިން ކޮންމެވެސް މީހަކު ގުޅާފަ ބުނީ ކަލޭގެ ދަރިފުޅު މަރުވެއްޖެއޭ. ބުނީމަ އަޅިގަނޑު ބުނީ ކިހިނެއް ހެއްޔޭ ވީ” ރޮމުން އެ މަންމަ ކިޔައިދިނެވެ.

އޭގެ ފަހުން އަބްދުﷲގެ ހަށިގަނޑު މާލެ ގެނައި ކަމަށާއި އޭރުވެސް ހަދަން އުޅޭ ގޮތެއް ކިޔާނުދޭ ކަމަށް ބުންޏެވެ. ގެނެސް މޯޗަރީއަށް ލުމުން ދަރުފުޅަށް އިތުރު އަނިޔާ ދޭން ބާއްވަން ބޭނުން ނުވާ ކަމަށާއި ވީ އެންމެ އަވަހަކަށް ވަޅުލަން ބޭނުންވާ ވާހަކަ ފުލުހުން ކައިރީގައި ބުނި ކަމަށް މަންމަ ބުންޏެވެ.

“އެހެން ވެސް އެއްބަހެއް ނުވި. މިހާރު މިތަނަށްވެސް އަހަރެމެން ވަނަ ނުދޭން އުޅެނީ. ކޮން މައެއްގެ ހިތަށް ތަ ކެތްވާނީ ދަރުފުޅުގެ މަސްގަނޑު މިތާ ބާއްވާފަ ގޮސް ގޭގަ އޮންނަން. ކޮން މަންމައަކަށްތޯ ކެތްވާނީ. އެމީހުންނަށް ވެސް އިނގޭނެއޭ އެމީހުންނާ ޖެހުނީމަ ވާނެ ގޮތް. މައެއްގެ ހިތަށް ކުރާނެ އަސަރު” އަސަރާއެކު އަބްދުﷲގެ މަންމަ ކިޔައިދިނެވެ.

ގދ. ހޯޑެއްދޫއިން އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އަބްދުﷲ ގެ ހަށިގަނޑު މާލެ ގެނައީ ޕޯސްޓްމޯޓަމަށް ފޮނުވަން ނަމަވެސް، އެކަން ކުރަން ބޭނުންނުވާ ކަމަށާއި ހަށިގަނޑު ހަވާލުކުރުމަށް އާއިލާއިން ދަނީ ފުލުހުންނަށް ތަކުރާރުކޮށް އެދެމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!