ގުދުރަތްތެރިކަމާއެކު ތަރައްގީ ގެންނާން އެބަޖެހޭ: ނަޝީދު
ގުދުރަތްތެރިކަން އެއީ ޢުމްރާނީ ކަމެއްގެ ގޮތުގައި ސިފަކުރަން ފަށަން އެބަޖެހޭކަމަށާއި, ގުދުރަތްތެރިކަން ބޭނުންކޮށްގެން ދިވެހިން ބޭނުންވާ ތަރައްގީ ހޯދެން އެބައޮތްކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވީ ''ކުރަމަތި ގައިޑް ޓު ޕްލާންޓްސް އިން މޯލްޑިވްސް'' ގެ ނަމުގައި އެކުލަވާލައިފައިވާ ފޮތް ނެރުމަށް ކުރަމަތި ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ވަރަށް ގިނަ ފަހަރަށް ރަށްރަށުގެ ކައުންސިލަރުން ތަރައްގީގެ އެކިއެކި ވާހަކަތައް އެ މަނިކުފާނު އަރިހުގައި ހިއްސާ ކުރައްވާ ކަމަށެވެ. އަދި ބަނދަރެއް އެޅުމާއި, އެއްގަމު ތޮށްޓެއްލުމާއި, އެކިއެކި ކޮންކްރީޓްގެ ބިނާތައް ރަށްތަކުގައި ގަތަމުން ގެންދިއުމަކީ ތަރައްގީކަމަށް އެބަ ސިފަކުރެވޭކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
''އަޅުގަނޑު ގާތުގައ ވަރަށް ގިނަ ފަހަރަށް ރަށްރަށުގެ ކައުންސިލަރުން ތަރައްގީގެ އެކިއެކި ވާހަކަ ދައްކާ. އަދި އަޅުގަނޑުމެން ދެކެން އެއީ އިންފްރާސްޓްރަކްޗަރ ގެ ގޮތުގަ. މަގެއް ހެދުން. ބަނދަރެއް އެޅުން. އެއްގަމު ތޮށްޓެއް. ބޮޑުހިލަ ބަނދަރެއް. އެކިއެކި ކޮންކްރީޓްގެ ބިނާތައް ރަށްތަކުގައި ގަތަމުން ގެންދިއުން އެއީ ތަރައްގީކަމަށް އަޅުގަނޑުމެނަށް އެބަ ސިފަކުރެވޭ. އެހެންނަމަވެސް ގުދުރަތީ ރޭވުމާއެކީގާ ގުދުރަތީ އުފެދުމާ އެކީގާ މަސައްކަތް ކުރަމުން ގެންދިޔައިމާ ޙަޤީޤަތުގައި ދެމެހެއްޓެނިވި ގޮތުގައި އަޅުގަނޑުމެނަށް މި ތަރައްގީ ހޯދެނީ.''
''ފަރެއް ހައްދަން ކުރަންޖެހޭ ހޭދަ ވަރަށް ކުޑަކުޑަ. ބޮޑު ހިލަ ބަނދަރެއްގެ ބޭރު ތޮށި އެއް މީޓަރު އެއީ 3000 ޑޮލަރު. އެތެރޭ އެއްގަމު ތޮށި އެއް މީޓަރު އެއީ އަނެއް 3000 ޑޮލަރު. އަޅުގަނޑުމެންގެ 2000 ރަށް އެބައޮތް. ކޮންތާކު ތޯ މިހުރިހާ އެއްޗެއް އަޅަނީ. 25 ޑޮލަރަށް ފަރެއް ހެއްދޭ އެއް މީޓަރު. މެންގްރޯވެއް ނުވަތަ އަޅުގަނޑުމެންގެ ހޭޅިފަށުގައި މިހުރި ގަސްތައް އޭގެ މީޓަރެއް ހައްދަން ފަސް ޑޮލަރު.'' ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ ހުރިހާ ކަމަކުން ވެސް ބޭނުން މިވަނީ އެއްކަމެއް ކަމަށާއި, އެއީ ރަށް ހިމާޔަތް ކުރުން ކަމަށެވެ.
''އަޅުގަނޑުމެން ގުދުރަތްތެރިކަން އެއީ ޢުމްރާނީ ކަމެއްގެ ގޮތުގައި ސިފަކުރަން ފަށަން އެބަޖެހޭ. އަޅުގަނޑުމެންގެ ތަރައްގީ ގެންނާން އެބަޖެހޭ ގުދުރަތްތެރިކަމާއެކުގަ'' ނަޝީދު ވިދާޅުވިއެވެ.