ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޝޯލްޒް ޗައިނާއަށް

ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުނު ފަހުން ޔޫރަޕިއަން ޔޫނިއަންގެ ލީޑަރަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަންނަ ހަފުތާގައި ޖަރުމަނު ވިލާތުގެ ޗާންސެލަރ އޮލަފް ޝޯލްޒް އެ ޤައުމަށް ވަޑައިގަންނަވާނެ ކަމަށް ހާމަކޮށްފިއެވެ.
ޝޮލްޒް ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ކުރައްވާ މި ދަތުރުފުޅަކީ ޗައިނާގެ ވިޔަފާރީގެ އާދަތަކާއި އިންސާނީ ހައްގުތަކުގެ ރެކޯޑާ މެދު ހުޅަނގުގެ ގައުމުތަކުގައި ކަންބޮޑުވުން ފާޅުކުރުމަށް ކުރައްވާ ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ.
މީގެ އިތުރުން މި ދަތުރު ކުރައްވަން ނިންމަވާފައިވަނީ، ޖަރުމަނުވިލާތުގެ އެންމެ ބޮޑު ބަނދަރު ކަމަށްވާ ހެމްބާގްގެ ޓާމިނަލަކަށް ޗައިނާއިން އިންވެސްޓްކުރަން ހުއްދަ ދިނުމާ މެދު ޝޮލްޒްގެ ކޯލިޝަންގެ ތެރޭގައި ނުތަނަވަސްކަން ވެސް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
ޖަރުމަނު ސަރުކާރުގެ ތަރުޖަމާނު ހުކުރު ދުވަހު ބޭއްވި ބްރީފިންއެއްގައި ވިދާޅުވީ ބެއިޖިންއާ މެދު ބާލިންގެ ވިސްނުން ބަދަލުވެފައިވާ ކަމަށާއި ނަމަވެސް އެއީ ޗައިނާގެ އިގްތިސާދުން "ޑިކަޕްލިން" ކުރުމާ ދެކޮޅުވުން ނޫޏް ކަމަށާއި ވިޔަފާރީގެ ގުޅުންތަކުގައި ބެއިޖިންއާއެކު ކުރިޔަށްދާނެ ކަމަށެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، ޖަރުމަނުވިލާތުން ޗައިނާގެ "ޑިމޮކްރެޓިކް" ޓްރެންޑްތަކާއި، އިންސާނީ ޙައްޤުތަކާ ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށާއި، އަދި ޔޫރަޕްގެ އަދި އެހެނިހެން ކުންފުނިތަކަށް ޗައިނާގެ މާކެޓްތައް ހުޅުވާލުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ޖަރުމަނު ސަރުކާރުން އަމިއްލަ ޖަމިއްޔާތަކާ ބައްދަލުކުރަން ބޭނުންވި ނަމަވެސް އެކަން ކުރެވޭނެ ކަމެއް ނޭނގޭ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ޝޮލްޒް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ބޮޑުވަޒީރު ލީ ކެކިއާންގްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވެއެވެ.