އަބްދުﷲ ރަޝީދުގެ އާއިލާ އަށް އޭނާގެ މޫނު ދައްކައިފި
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ނިޔާވި ގދ.ހޯޑެއްދޫ، ޢަބްދުﷲ ރަޝީދުގެ އާއިލާ އަށް މިރޭ މޫނު ދައްކައިފިއެވެ.
އަބްދުﷲގެ ހަށިގަނޑު އޭނާގެ އާއިލާ އަށް ދައްކާފައިވަނީ ނިޔާވިތާ ފަސް ދުވަހަށް ފަހުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިރޭ ފަތިހު ފުރުވައިލަން ވަނީ ނިންމައިފައެވެ.
ރަޝީދު ނިޔާވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ މެއަށް ތަދެއް އަރައި ފިޓް ޖެހުމުގެ ޢަލާމާތްތަކެއް ފެނުމާއި ގުޅިގެން އޭނާ ގދ. މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައެވެ.
އޭނާގެ މަރުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އާއިލާ އިން ތުހުމަތު ކުރާއިރު ފުލުހުން ވަނީ އޭނާގެ އޮޓޮޕްސީ ހެދުމަށް ނިންމާފައެވެ. ނަމަވެސް އާއިލާ އިން މިކަމާ ދެކޮޅެވެ. އޭގެ ފަހުން އާއިލާގެ ފަރާތުން ވަނީ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވައި ހަށިގަނޑު އާއިލާއާ ހަވާލުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ.
މި މައްސަަލައިގައި ޕީޖީ އޮފީހުން ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ ޤާނޫނާ އެއްގޮތަށް ކަމަށާއި، ކޯޓުން އެކަން ހުއްޓުވަން އަމުރެއް ނެރެފިނަމަ، ހިނގަމުން އަންނަ ޖިނާއީ ތަހުގީގަށް ވަރަށް ބޮޑަށް ހުރަސްއެޅޭނެކަމަށެވެ.
މިއާއެކު މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ޤާޟީ ނިންމަވާފައިވަނީ ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެ މަތިން އިހުމާލުން މީހަކު މަރުވިކަމަށް ބެލެވޭ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހަދަން ނިންމުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
އެހެންކަމުން އާއިލާއިން އެދުނު ގޮތަށް ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ވަނީ ނިންމައިފައެވެ.