އެމެރިކާ އަދި ސައުދީގެ ކޯޅުން؛ މެދުއިރު މައްޗަށް ޗައިނާއިން އަތްގަދަ ކުރަން ލިބޭ ފުރުސަތެއް
ތެލުގެ މައްސަލަތަކާއި ގުޅިގެން އެމެރިކާ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ވިއްދައިގެން، މެދުއިރުމަތީގައި ވޮޝިންޓަންގެ ނުފޫޒު ކުޑަވުމުގެ ސަބަބުން ޗައިނާއަށް އެ ސަރަހައްދުގައި އެގައުމުގެ ނުފޫޒު ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.
ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީގެ ތިން ވަނަ ދައުރެއް ހޯއްދެވުމަށްފަހު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، ރައީސް ޝީ ޖިންޕިން ސައުދީ އަރަބިއްޔާއަށް ވަޑައިގެން ސަރަހައްދީ ލީޑަރުންނާ އެކު ސަމިޓް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ޗައިނާ އާއި މެދުއިރުމަތީގެ ގައުމުތަކާ ދެމެދު އޮތް ގުޅުން ދަނީ ބަދަހިވަމުންނެވެ. އަދި އެމެރިކާއާއެކު އޮތް ޒަމާންވީ ގުޅުން ދަނީ ނެތެމުންނެވެ.
ޝީގެ މި ދަތުރުފުޅު ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އިއުލާނު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ފޮރިން މިނިސްޓަރު ވަންގް ޔީއާ އެކު ވާޗުއަލްކޮށް ބޭއްވެވި ބައްދަލުވުމަށް ފަހު ނަމަވެސް ބެއިޖިން އިން އެކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ވޮޝިންޓަންގެ ޒަމާންވީ ސެކިއުރިޓީ ޕާޓްނަރު އަދި ބެއިޖިންގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ވެސް ހިމެނޭ ރިޔާދުން ތެޔޮ އުފައްދާ ގައުމުތަކުގެ އޯޕެކް ޕްލަސް ގުރޫޕުގެ މެމްބަރުން ދުވާލަކު ދެ މިލިއަން ފީފާގެ ބޮޑު ތެޔޮ އުފެއްދުން ކަނޑާލަން ނިންމުމާ ގުޅިގެން އެމެރިކާއާއި މެދުއިރުމަތީގެ ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ. އޭގެ ސަބަބުން އަންނަ މަހު ބާއްވާ މިޑްޓާމް އިންތިހާބާ ދިމާކޮށް ޕެޓްރޯލްގެ އަގު އުފުލި، އެމެރިކާގެ އިގްތިސާދަށް ރިޕަލް އިފެކްޓްސް ތަކެއް އުފެދިދާނެ ކަމަށް ތަޖުރިބާ ކާރުން ބުނެއެވެ.
އިންސާނީ ހައްގުތަކުން ފެށިގެން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅޭ މައްސަލަތަކުގައި ވޮޝިންޓަނާއި ރިޔާދާއި ދެމެދު ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ގިނަ އޮބްޒާވަރުން ދެކޭ ގޮތުގައި މި ނިންމުމަކީ އެމެރިކާއަށް ކުރިމަތިވި އިތުރު ހުރަހެކެވެ. ބައެއް ފަރާތްތަކުން ބުނަމުން ދަނީ ސައޫދީ އަރަބިއްޔާއާ ގުޅުން ގޯސްވުމުގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކުގެ ވޮޝިންޓަންގެ ނުފޫޒު ގެއްލި އެ ބާރު ޗައިނާއަށް ލިބޭނެ ކަމަށެވެ.
ފާއިތުވި ހަފުތާގައި ޗައިނާ އާއި ސައޫދީ އަރަބިއްޔާގެ ޚާރިޖީ އަދި ހަކަތައިގެ ވަޒީރުންގެ މެދުގައި ބޭއްވެވި މަތީ ފެންވަރުގެ ވާޗުއަލް ބައްދަލުވުންތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ އެކުލެވިގެންވާ ކުރިއަރަމުން އަންނަ އިގްތިސާދީ ޖަމިއްޔާއެއް ކަމަށްވާ ބްރިކްސްގައި ދިޔާދު ބައިވެރިވުމަށް ވެސް ބެއިޖިން އިން ވަނީ ތާއީދުކޮށްފައެވެ.