ރައީސްގެ ސިޓީގެ ސަބަބުން ރާއްޖެއިން ބައެއް ގެއްލިއްޖެ, ސިޓީ ބާތިލުކުރަންޖެހޭ: އިލްޔާސް
ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރާއްޖެއިން އެއްބަސްވެ, ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްއަށް ފޮނުވި ސިޓީގެ ސަބަބުން ރާއްޖެއިން ބައެއް ގެއްލިފައިވާކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި, އެ ސިޓީ ބާތިލުކުރަންޖެހޭކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާަސް ލަބީބް މިއަދު ވިދާޅުވެއްޖެއެވެ.
ޗާގޯސް މައްސަލައިގައި ސަރުކާރުން ކަންކުރި ގޮތް ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ކޮމިޓީއަކުން ބެލުމަށް ގޮވާލައްވައި އެމްއެންޕީގެ ރައީސް, ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ ޗާގޯސް މައްސަލައަކީ ދިވެހި ހުރިހާ ރައްޔިތުން ވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ވެސް މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައި އެބަހުރި ކަމަށެވެ.
މިހާ ބޮޑު މައްސަލައެއް އެންމެ ބޮޑު މައްސަލައަކަށްވެގެން މި އުޅޭ ސަބަބަކީ މިކަމާ ގުޅިގެން ވާނުވާ, ކިހިނެއްކަމެއް ކަން ހިނގަނީ. ކޮބައިތޯ އެކިއެކި ޑިސިޝަން ނަންގަވާ ސަބަބަކީ ދިވެހި ރައްޔިތުންނަކަށް ސާފެއްނުވޭ. ސާފުނުވާތީ ރައްޔިތުން ކަންބޮޑުވަނީ.''
އިލްޔާސް ވިދާޅުވީ މިހާރު ލިބޭ މަޢުލޫމާތަށް ބަލާއިރު ސާފުވަނީ މޮރިޝަސް އަތުގައި ނެތް އެއްޗެއް ރާއްޖެއިން އެ މީހުންނަށް ދީގެން އުޅޭކަން ކަމަށެވެ.
''ރާއްޖެއިން ބޮޑު މާސިންގާ ކްލެއިމްއެއް ކުރެވެން އޮތް ކަމެއް މީ ކުޑަކަމެއް ނޫން. ރާއްޖޭގެ ސަރަހައްދުގެ ބޮޑު މާސިންގާ ތަނެއް ރާއްޖޭގެ ޓެރިޓަރީގެ ބައެއްގެ ގޮތުގަ އަޅުގަނޑުމެން މި އޮށްހައި ދުވަހު ބަލަމުންދިޔަ ބައެއް. އަޅުގަނޑުމެންނަށް ކްލެއިމް ކުރެވެން އޮތް ތަނެއް އަޅުގަނޑުމެން އަތުން ބީވެގެންދާ ވާހަކަ މި ދައްކަނީ.''
އިލްޔާސް ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ''ސިޓީގައި އޮތީ ކޮން ވާހަކައެއްކަމެއް, ކީކޭ ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ'' ކަމަށާއި, ސިޓީ މީޑިއާއަށް ހާމަކުރުމަށް ރައީސް އޮފީހުން ވެސް އުޒުރުވެރިވާ ކަމަށެވެ. އަދި އެ ސިޓީ ފޮނުއްވުމާ ގުޅިގެން ރާއްޖެއިން ބައެއް ގެއްލިއްޖެކަމަށް ބެލެވޭކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.
މީ ވަރަށް ކަންބޮޑުވާކަމެއް. މިކަމާ ގުޅިގެން އެކިއެކި ސިޔާސީ ބޭފުޅުން ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފަ ތިއްބެވި ބޭފުޅުންނާއި ރަސްކަން ކުރައްވާފަ ތިއްބެވި ބޭފުޅުންނާއި އެކި މަގާމުތަކުގަ ތިއްބެވި ބޭފުޅުންގެ ބޮލުގަ އިލްޒާމް އަޅުވާ އެކި ވާހަކަ ދައްކާ އެކަން ފޮރުވުމަށްޓަކައި.''
އިލްޔާސް ވިދާޅުވީ ރައީސް ފޮނުއވި ސިޓީ ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށާއި, އެ ސިޓީ ބާތިލުކުރަންޖެހޭ ކަމަށެވެ.ވއަދި ރައްޔިތުންނާ މަޝްވަރާ ކުރެވޭނެ ގޮތަކީ ރައްޔިތުންގެ މަންދޫބުންގެ ކުރިމައްޗަށް އެ މައްސަލަ ގެނައުމުން ކަމަށާއި, އެ ގޮތުން މަޖިލީހުގެ ހުރިހާ ސިޔާސީ ޕާޓީތައް އެކުލެވޭ ގޮތަށް ސިލެކްޓް ކޮމިޓީއެއް ނަގައިގެން އެކަމުގެ ތަޖުރިބާކާރުންނާއި ކަމާގުޅޭ ހުރިހާ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްގެން ފުރިހަމަ ދިރާސާއެއް ކުރަންޖެހޭކަމަށް އިލްޔާސް ވިދާޅުވިއެވެ.