ބްލެކް ސީ ގްރޭން އިނީޝިއޭޓިވް މެދުކަނޑާލަން އުޅޭތީ އިންޑިއާގެ ކަންބޮޑުވުން
އދ.ގެ މެދުވެރިކަމާއެކު ކުރިއަށް ގެންދާ ބްލެކް ސީ ގްރޭން އިނީޝިއޭޓިވް މެދުކަނޑާލުމާ ގުޅިގެން ސަލާމަތީ މަޖިލީހުގައި އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިންޑިއާއިން ބުނެފައިވަނީ މިކަމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ތެލާއި ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނު ސަޕްލައިކުރުމުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިތުރަށް ގޯސްވެދާނެ ކަމަށެވެ.
ކަންބޮޑުވުންފާޅު ކުރައްވަމުން، އިންޑިއާގެ ޑިޕްލޮމެޓް އާރް މަދޫ ސޫދާން ވިދާޅުވީ ބްލެކް ސީ ގްރޭން އެއްބަސްވުމުގެ ސަބަބުން ޔޫކްރެއިންގައި ސުލްހަ އަށް އުއްމީދުގެ އަލިކަމެއް ލިބިގެން ދިޔަ ކަމަށާއި، އެކަމުން ގޮދަނުގެ ބާޗްތަކާއި އެހެނިހެން ތަކެތީގެ އަގު ހެޔޮކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
"މި މަސައްކަތުގެ ސަބަބުން ނުވަ މިލިއަނަށް ވުރެ ގިނަ ޓަނުގެ ކާޑުގެ ބާވަތްތަކާއި ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް ޔޫކްރެއިންއިން ބޭރަށް އެކްސްޕޯޓް ކުރި. " ޔޫކްރޭނާ ބެހޭ ގޮތުން ޔޫއެންއެސްސީގައި ބޭއްވި ޔޫއެންއެސްސީ ބްރީފިން ބަހުސްގައި އދ.ގައި ހުންނަ އިންޑިއާގެ ދާއިމީ މިޝަންގެ ކައުންސެލަރު މަދޫ ސޫދާން ވިދާޅުވިއެވެ.
ބްލެކް ސީ ގްރޭން އިނީޝިއޭޓިވް މެދުކަނޑާލުމުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ތެލާއި ފާޓިލައިޒާ ސަޕްލައި ކުރުމުގައި ދުނިޔެއަށް ހާއްސަކޮށް ދެކުނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭ،"
އދ.ގެ މެދުވެރިކަމާއެކު ބްލެކް ސީ ގްރޭން އިނީޝިއޭޓިވްގައި ސޮއިކޮށްފައިވަނީ މިދިޔަ ޖުލައި މަހު އިސްތަންބޫލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގެ ދަށުން ޔޫކްރެއިންގެ ތިން ބަނދަރަކުން ކާޑުގެ ބާވަތްތައް އުފުލާ އުޅަނދުތައް ދުނިޔޭގެ ބާޒާރުތަކަށް ދަތުރުކުރަނީ އެއްބަސްވެފައިވާ ކޮރިޑޯއަކުންނެވެ. ޔޫއެންއެސްސީގެ މި ބަހުސް ކުރިއަށް ގެންގޮސްފައި މިވަނީ ރަޝިއާ އުޅަނދުތަކަށް ޔޫކްރެއިންއިން ދިން ހަމަލާތަކާ ގުޅިގެން މިދިޔަ ހަފުތާ ބަންދުގައި އިއުލާނުކުރި ބްލެކް ސީ ގްރޭން އިނީޝިއޭޓިވްގައި ބައިވެރިވުން "ވަކި މުއްދަތަކަށް" މެދުކަނޑާލަން ރަޝިޔާއިން ނިންމުމާ ގުޅިގެންނެވެ.