ދުނިޔެ

ލޮކްޑައުންގެ ސަބަބުން ޗައިނާގައި ކުޑަކުއްޖަކަށް ފަރުވާ ނުދެވި މަރުވުމުން ނުރުހުންވުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި ކުޑަ މަރުވި ކުއްޖަކު، މަރުވެފައިވަނީ ކޮވިޑް-19 ފިޔަވަޅުތަކުގެ ސަބަބުން ފަރުވާލިބުން ލަސްވެގެން ކަމަށްބުނެ، އެ ކުއްޖާގެ ބައްޕަ ނުރުހުންފާޅުކޮށްފިއެވެ.

Ads by WAMCO

ޗައިނާގެ ހުޅަނގު އުތުރުގައި ކާބަން މޮނޮކްސައިޑް ވިހަވުމުގެ ސަބަބުން އަންގާރަ ދުވަހު މަރުވި އުމުރުން 3 އަހަރުގެ ކުއްޖެއްގެ ބައްޕަ ބުނީ ކޮވިޑް-19 އާ ގުޅިގެން ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުމުން ފަރުވާ ލިބުން ލަސްވެ ދަރިފުޅު މަރުވެފައިވާ ކަމަށެވެ. އަދި އޭނާގެ ދަރިފުޅު ނުސީދާ ގޮތެއްގައި މަރާލީ ކޮވިޑްގެ ހަރުކަށި ސިޔާސަތުތައް ކަމަށް ބުންޏެވެ.

އެ ކުއްޖާގެ މަރާއެކު، ޗައިނާގައި އަމަލު ކުރަމުން އަންނަ ހަރުކަށި ޒީރޯ-ކޮވިޑް ޕޮލިސީއާ ގުޅިގެން، ޗައިނާގެ ޓްވިޓާ، ވެއިބޯ ޕްލެޓްފޯމްގައި ބުދަ ދުވަހު 380 މިލިއަން މީހުންވަނީ ޝުއޫރު ފާޅުކޮށްފައެވެ.

"އަޅުގަނޑަށް އަމިއްލައަށް ޤަބޫލު ކުރަނީ ދަރިފުޅު މަރުވުމުގެ އަސްލަކީ ފަރުވާ ނުލިބުންކަން،" އެތައް މަހެއް ވަންދެން ލޮކްޑައުންކޮށްފައި އޮތް ގަންސޫ ޕްރޮވިންސްގެ ވެރިރަށް ލަންޒޫއިން ފޯނުން ރޮއިޓާސްއަށް މައުލޫމާތު ދެމުން އެ ކުއްޖާގެ ބައްޕަ ޓޫއޯ ޝިލޭ ބުންޏެވެ.

އަންގާރަ ދުވަހުގެ މެންދުރު ފަހު، ކައްކަން އުޅުމުގެ ތެރޭގައި ގޭހުގެ ދުމުން އަސަރުކޮށް އަނބިމީހާ ވެއްޓި ވެއްޓުމާއެކު ޓުއޯއަށް އޭނާގެ ދަރިފުޅު ވެންޝުއާން ވެސް ހާލު ދެރަކަން ފާހަގަކުރެވުނެވެ. ޓުއޯ ބުނީ އެމްބިއުލާންސަށް ނުވަތަ ފުލުހަކަށް ގުޅަން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް ނުގުޅުނު ކަމަށެވެ.

ގާތްގަނޑަކަށް 30 ވަރަކަށް މިނެޓު ފަހުން ވެންޝުއާންގެ ހާލު އިތުރަށް ގޯސްވެ، ޓޫއޯ ބުނީ އޭނާ ސީޕީއާރު ހެދި ކަމަށާއި އޭގެ ސަބަބުން ކުޑަ ވަގުތުކޮޅަކަށް އެހީވި ކަމަށެވެ. ހާލަތު ގޯސްވާން ފެށުމުން ފްލެޓުން ނިކުންނަން އުޅުމުން، ގާޑުން އޭނާ ހިފެހެއްޓި ކަމަށާއި ކޮވިޑް-19 ސިޔާސަތުގެ ދަށުން ބޭރަށް ނުނިކުމެވޭނެ ކަމަށް ބުނި ކަމަށެވެ.

އެމްބިއުލެންސަކަށް އިތުރަށް އިންތިޒާރު ނުކުރަން، ޓުއޯ އޭނާގެ ދަރިފުޅާއެކު ގާޑުން ނައްޓާފައި ދާން އުޅުމުގެ ތެރެއިން، ވެއްޓުނު ކަމަށް އޭޏާ ކިޔައިދިނެވެ. އަދި ދަރިފުޅު ހޮސްޕިޓަލަށް ގެންގޮސްދިނީ ޓެކްސީއެއް ކަމަށާއި، ވެންޝުއާން ސަލާމަތް ކުރުމަށް ޑޮކްޓަރުން ކުރި މަސައްކަތް ނާކާމިޔާބުވި ކަމަށް ކިޔައިދިނެވެ.

"އެތައް ޗެކްޕޮއިންޓަކުން މަޑުވެސް ކުރުވި، ދަރިފުޅަށް ފަރުވާ ލަސްވީ މިކަމުގެ ސަބަބުން" އުމުރުން 32 އަހަރުގެ، ކުޑަ މަސް ފިހާރައެއް ހިންގާ ޓޫއޯ ބުންޏެވެ.

ރިޓަޔާޑް ލޯކަލް އޮފިޝަލެއް ކަމަށް ބުނެ މީހަކު ގުޅައި، މި ވާހަކަ މީޑިއާތަކަށް ތިލަ ނުކޮށްފިނަމަ ޓޫއޯއަށް އެއް ލައްކަ ޔުއާން (13،743 ޑޮލަރު) ދޭނެ ކަމަށް ބުނި ކަމަށް ޓުއޯ ބުންޏެވެ.

ޓުއޯ ބުނީ އެ ހުށަހެޅުން އޭނާ ދެކޮޅުހެދި ކަމަށާއި އޭގެ ބަދަލުގައި ދަރިފުޅުގެ މަރުގެ ތަފްސީލު ދިނުމަށް އެދޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!